ޕެޑަލް ބޯޑެއްގައި ކ.ތުލުސްދޫން ކ. ހިންމަފުއްޓަށް ދާން ފުރި ފަތުރުވެރިއަކު ކަނޑުމަތިން ހޯދާ އެހީވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ހަވީރު 5:45 ހާއިރު ސްޓޭންޑް އަޕް ޕެޑަލް ބޯޑެއްގައި ފިރިހެން ފަތުރުވެރިއަކު ތުލުސްދޫން ފުރައިގެން ހިންމަފުއްޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށާއި، އިރު އޮއްސުމުގެ ކުރިން އޭނާއަށް ހިންމަފުއްޓާ ހަމައަށް ނުފޯރާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

ފުލުހުން ބުނީ، މި މައުލޫމާތު ލިބުމާއެކު، އޭނާއަށް ކަމެއް ދިމާވުމުގެ ކުރިން އޭނާ ހިންމަފުށީ ކައިރިން ކަނޑުމަތިން ހޯދާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި ފަތުރުވެރިޔާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ހިންމަފުއްޓަށް ގެންގޮސް ދީފައި ކަމަށެވެ.

މި ހާދިސާއާ ގުޅލިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ގެސްޓްހައުސް ތަކާއި ވޯޓާ ސްޕޯޓްސް ސެންޓަރު ތަކާ ގުޅިގެން ފަތުރުވެރިންގެ ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށެވެ.