އަންނަ މަހުން ފެށިގެން އެސްޓީއޯ އިން ބޭރު ގައުމުތަކަށް ތެޔޮ ވިއްކަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ބޭރުގެ ގައުމުތަކަށް ތެޔޮ ވިއްކަން ފެށުމުގެ ގޮތުން އަންނަ މަހު ލަންކާ އަށް ތެޔޮ ވިއްކަން ފަށާނެ ކަމަށާއި، އެގޮތުން ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް 400 މިލިއަނެއްހާ ރުފިޔާ އިންވެސްޓުކުރަން ކުންފުނިން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރާ ތެޔޮ އިތުރު ކުރުމަށް، ބޮޑު ޓޭންކަރެއް މިއަހަރު ތެރޭގައި ގަންނާނެ ކަމަށެވެ. އަދި ތެޔޮ ޑިސްޓްރިބިއުޓް ކުރުމަށް ހަތަރު ބާޖު ބަންނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އިން ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި ދަތިތައް ހުރިކަމަށާއި، އެ މައްސަލަ ހައްލުކުރަމް އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަމްރު ވިދާޅުވީ، ރަށްތަކުގެ ފާމަސީތަކަށް ބޭނުންވާ ތަކެތި އާންމުކޮަށް ބަހައްޓާފައި ހުންނަނީ ތިން ހަތަރު ގުދަނެއްގައި ަކމަށާއި، އެގޮތުން އެ ބޭސްތައް ހޯދައި ބަންދު ކުރަން ވަގުތު ނަގާ ކަމަށެވެ. އެހެންކަމުން ފާމަސީތަކަށް ބޭނުންވާ ހުރިހާ ބޭހެއް ފޯރުކޮށްދިނުމަށާއި، އެބޭސް ރައްކާކުރަން އެކަމަށް ހާއްސަ ވެއާ ހައުސެއް ބޭނުންވާ ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓީއޯ އިން ވަނީ ބޭރު ގައުމުތަކުން ގެންނަ މުދާ އަގުހެޔޮކޮށް ފޯރު ކޮށްދިނުމަށް ޝިޕިން ލައިންގެ މަސައްކަތާއި، ގޭސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ސްޓޯރެޖް ޔުނިޓުތައް ގާއިމްކުރުމާއި ރޭނުމަށް ބޭނުންވާ ސާމާނު އަގު ހެޔޮ ކުރުމަށް އިންވެސްޓުކުރުމަށްވެސް ނިންމާފައެވެ.