ރާއްޖެއަށް އައުމަށް ފަތުރުވެރިން ހަދާފާއިވާ ބުކިންގްގެ ތެރެއިން 2000 އަށް ވުރެ ގިނަ ބުކިންގް ކެންސަލް ކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާ ވައިރަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން މިރޭ ރައީސް އޮފީހުގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، އިގްތިސޯދަށް ވުރެ މިވަގުތު އެންމެ މުހިއްމީ އާންމު ރައްޔިތުންގެ ސިއްހީ ހާލަތު ކަމަށެވެ.

"މިވަގުތު އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން. އެއަށްފަހު މި ސިޓުއޭޝަންގައި އަޅުގަނޑުމެންގެ ފަތުރުވެރިކަން މާކެޓް ކުރުމުގައި ސިޓުއޭޝަނުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައްތައް އަޅުަގނޑުމެން ސަރުކާރުގެ ކެބިނެޓް ލެވެލްގައި އަޅުގަނޑުމެން ނިންމާނީ"
އަލީ ވަހީދު

އެގޮތުން މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުގެ ކެބިނެޓުގެ ލެވެލްގައި ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދެނީ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭވެސް ހުރިހާ ފްލައިޓްތަކެއް ބޭނުންވެއްޖިއްޔާ ބްލޮކް ކޮށްލެވިދާނެ ކަމަށާއި، ނަމަވެސް މިކަން ހިނގާފައި އޮތް ގޮތް ރަނގަޅަށް ބަލައިގެން އެޓެންޑްކުރުން މުހިއްމުކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ވޫހާން ގެ 5 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވެއްޖިއްޔާ މިރޭވެސް މުޅި އެއާޕޯޓު ބްލޮކް ކުރެވިދާނެ. ހުރިހާ ފްލައިޓަކަށް ވެސް"
އަލީ ވަހީދު

ކޮރޯނާ ވައިރަސް ފެތުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޮންމެ ގައުމަކަށްވެސް މި ބަލި ޖެހިފައިވާ މީހުން ޒިޔާރަތްކުރުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާގެ ވަގުތެއްގައި ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އިތުރު ނިންމުންތައް ސަރުކާރުން އޭގެ ފަހުން ނިންމާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން އަމަލު ކުރަމުން އަންނަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ލަފައާއި އިރުޝާދާ އެއް ގޮތަށް ކަމަށާއި ޗައިނާ ފަތުރުވެރިންގެ އެރައިވަލްތަކާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނީ އެ އިރުޝާދުތަކާ އެއް ގޮތަށް ކަމަށެވެ. ހާލަތު ގޯސްވަމުންދާ ވަރަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

..