ލަންކާއިން ޗައިނާގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި އެވެ.

ލަންކާ އިމިގްރޭޝަނުން މިހާރު އަލަށް ހެދި ގަވާއިދުގެ ދަށުން ޗައިނާ ފަތުރުވެރިން ލަންކާ އަށް ދިޔުމުގެ ކުރިން އޮންލައިންކޮށް ވިސާ ހޯދަން ޖެހޭނެއެވެ. ބޭރުގެ ހަބަރުފަތުރާ ގޮތުގައި ޗައިނާ ފަތުރުވެރިންނަށް ސްރީ ލަންކާއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ނިންމީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ސްރީލަންކާއިން ފެނުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އެގައުމުން ފެނިފައިވާ ކަމަށެވެ. އަދި އެވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަަޅާފައިވާ ކަމަށާއި އާންމު އެކަމާމެދު ކަންބޮޑުވުނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޗައިނާގެ ހުބޭ ޕްރޮވިންސުން ލަންކާއަށް އެތެރެވި 43 އަހަރުގެ ޗައިނާގެ އަންހެނެކެވެ. އަދި އެމީހާއަށް މިހާރު ދަނީ ލަންކާގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެ ރޯގާގެ އަލާމާތްތަކެއް ހުރުމުން އެންމެ ފުރަތަމަ ހެދި ޓެސްޓްތަކުން އެ މީހާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު ޓެސްޓްތަކުން އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ޔަގީން ކުރެވިފައި ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ލަންކާގެ މައި އެއާޕޯޓް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވާ މީހުން ކޮރޯނާ ވައިރަސްއަށް އަންނަނީ ސްކްރީން ކުރަމުންނެވެ.

ސްރީލަންކާގެ ހެލްތް މިނިސްޓްރީއިން ބުނީ އެ ގައުމަށް އެތެރެވި ޗައިނާގެ ދެ މީހަކާއި ލަންކާގެ ރައްޔިތަކު ވެސް ވަނީ ކޮރޯނާ ހުރިކަމަށް ޝައްކު ވެގެން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ ގައުމަށް އައި ޕާކިސްތާނާއި އިންޑިއާގެ ރައްޔިތެއްގެ ގައިން ހުމުގެ އަސަރު ފެނިގެން އެ މީހުން ވެސް އެކަހެރިކޮށްފައިވާ ކަމަށެވެ.

ލަންކާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމުގެ އަލާމާތްތައް ފެނިގެން މިދިޔަ ހަފްތާ ވެސް ވަނީ ހަތަރު މީހަކު އެކަހެރިކޮށް ޓެސްޓްތައް ހަދައިފައެވެ. ނަމަވެސް އެއްވެސް މީހަކު ޕޮޒިޓިވެއްނުވެއެވެ.

ސްރީލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ގޮސް އުޅޭ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ ގައުމެކެވެ.