ހެންވޭރުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައި، އެކަކުގެ ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނީ މިއަދުގެ އިރުއޮއްސި 6:14 ހާއިރު މާލޭގެ ކެފޭއެއްގައި ދެ ބިދޭސީ ފިރިހެނުން ޒުވާބުކޮށް މާރާމާރީ ހިންގާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެހާދިސާގައި އެ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބު، ހޫނުވެ، އެތަނުން އެކަކުގެ ބޯފަޅާލާފައިވާ ކަމަށާއި އެމީހާ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ޔާލް ކެފޭގައެވެ. އެގޮތުން މި މާރާމާރީ ހިނގާފައިވަނީ އެކެފޭގެ ސޭޓާއި ވެއިޓަރަކާ ދެމެދުއެވެ. ކެފޭ ސޭޓް، ވެއިޓަރުގެ ބޯ ފަޅާލާފައިވަނީ ލަޓިބުރިއަކުން ޖެހައިއެވެ.