ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ނޯތް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ ފިރިހެން ކުއްޖަކާ މެދު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 9 ވަނަ ދުވަހުގެ 4:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިއަދު 12:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ އަތޮޅާއި ރަށް ފުލުހުން ހާމަނުކުރަނީ އެ ކުދިން ރައްކާތެރި ކުރުމަށްޓަކައެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި، ރޭޕް ކުރުން އަދި އުމުރާ ނުގުޅޭ ބަދުއަހްލާގީ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ދެއްކުމުގެ އިތުރުން ޖިންސީ ގުނަވަން ދެއްކުމުގެ މައްސަލަތައް މިހާރު ދަނީ ފެންމަތިވަމުންނެވެ. އަދި މިފަދަ މައްސަލަތަކާ މެދު އާންމުން ހޭލުންތެރި ކުރުވުމަށްޓަކައި އެކި އެކި ކަންތައް ކުރަމުންދާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.