ގަވައިދާ ހިލާފަށް ޗައިނާގެ ހޫބޭ ޕްރޮވިންސްގައި ހިންގަމުންދިޔަ ސީފޫޑްއާއި ވަލުޖަނަވާރު ވިއްކާ ބާޒާރަކުން އުފެދި، އިންސާނުންގެ ގަޔަށް އަސަރުކޮށް، ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި 2019-އެންކޯވް ވައިރަހުގެ ބަލިމަޑުކަމުގެ އަސަރު އެގައުމުގެ އިގުތިސޯދަށް މިއަހަރު ކުރާނެ ކަމަށް ސިންގަޕޫރުން ބުނެފިއެވެ.
ޗައިނާއިން ފެނުނު 2019-އެންކޯވްއަށް ޕޮޒިޓިވް ވި މީހަކު ސިންގަޕޫރުންވެސް ފެނިފައިވާއިރު، ސިންގަޕޫރުން މިހާރު ދަނީ މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިއާއެކުވެސް ސިންގަޕޫރުން މިހާތަނަށް މިފަދަ 4 ކޭސްއެއް ފެނިފައިވާކަމަށް ޚަބަރު ލިބެއެވެ.
މިދަނޑިވަޅަކީ ސިންގަޕޫރުގެ އިގުސޯދު ފުދޭ ވަރަކަށް މަޑުދުވެލީގައި އޮތް ދުވަސްވަރެއް ވެސް މެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ސިންގަޕޫރުގެ އިގުތިސޯދު ކުރިއަރާފައިވަނީ އެންމެ 0.7 ޕަސެންޓްއަށް ކަން ފާހަގަކުރަންޖެހެއެވެ.
ސިންގަޕޫރުގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޗާން ޗޫން ސިންގް ވިދާޅުވީ، 2019-އެންކޯވް ރޯގާގެ އަދުގެ ހާލަތު މިގޮތުގައި އަދި ދުވަސްތަކެއް ވަންދެން އޮންނާނެ ކަމަށް ބެލެވޭއިރު، އެކަމުގެ ނޭދެވޭ އަސަރު ސިންގަޕޫރުގެ އިގުތިސޯދަށާ، ވިޔަފާރީގެ އިތުރުން ކޮންޒިއުމަރުންގެ އިތުބާރަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަން ކަމަށް ހައްލު ހޯދާ ދިނުމުގެ ސަރުކާރުންވެސް ފިޔަވަޅުތަކެއް އަޅަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްހީ ސަލާމާތްތެރިކަން ގުރުބާން ކުރުމުގެ ބަދަލުގައި، ރޯގާގެ ސަބަބުން ވިޔަފާރިއަށް ހީނަރުކަން ލިބިދާނެ ދާއިރާތަކަށް ސަރުކާރުން އެއްބާރުލުން ދީ، ޓެކްސް ކުޑަކުރުން ފަދަ ފިޔަވަޅުތައް ތަންފީޒުކުރަމުންދާނެކަން ސިންގަޕޫރުގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
2019-އެންކޯވް ރޯގާ ސިންގަޕޫރުގައި ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށްޓަކައި ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުންވަނީ ފާއިތުވީ ދުވަސްތަކުގައި ޗައިނާއަށް ދަތުރުކޮށްފައިވާ ސްކޫލް ކުދިންނާ، މުވައްޒަފުންނާ އެމީހުންގެ އާއިލާތަކުން 14 ދުވަހުގެ މުއްދަތަކަށް ގޭގައި މަޑުކުރުމަށް އަންގާފައެވެ. ޗައިނާ ދަރިކޮޅުގެ މީހުންނަކީ ސިންގަޕޫރުގެ އާބާދީއަށް ބަލާއިރު ނިސްބަތުން ގިނަ އަދަދެއްގެ ބައެއްކަމުން، ފާއިތުވީ ބަންދު ދުވަސްތަކުގައި ގިނަ ބަޔަކު ޗައިނާއަށް ދަތުރުކޮށްފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
2019-އެންކޯވް ރޯގާ ޖައްސާ ވައިރަހަކީ، އޭގެ އަސަރުކުރާ 1-14 ދުވަހާ ދެމެދު، ބޭރުފުށަށް އެއްވެސް އަލާމާތެއް ނުފެނި، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އިންފެކްޓް ކުރަމުންދާ ވަރުގަދަ ވައިރަހެއްކަން ޗައިނާއިންވަނީ ހާމަކޮށްފައެވެ.
2019- އެންކޯވް ރޯގާއަށް އަދި ފަރުވާ ހޯދިފައި ނުވާއިރު، ވެކްސީންއެއްވެސް ހޯދފައެއް ނުވެއެވެ.