ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިއްޖެ ނަމަ އައިސޮލޭޝަން ރަށެއްގެ ގޮތުގައި މާލެ ކައިރީގައި އޮންނަ ފުނަދޫ ބޭނުން ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިއްޖެނަމަ ފުނަދޫ އަކީ ވައިރަސް ޖެހިފައިވާ މީހުން އެކަހެރި ކޮށްފައި ބައިތިއްބާ ރަށުގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ. ފުނަދޫގައި ހުސްކޮށް ހުރި ޖާގަތައް މިކަމަށް ބޭނުން ކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، އެބަލި ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ނުވަތަ ތުހުމަތު ކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާ ގުޅިގެން ޓެސްޓްތައް ހެދުމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދަވާ ކަމަށެވެ. އަދި ޓެސްޓަތައް ހެދުމަށް ފޮނުވަން ހަމަޖެހިފައި ވަނީ ހޮންގޮކޮންގް އަދި ނެދަލޭންޑަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
2019-އެންކޯވް ރޯގާ ޖެހިގެން މިހާތަނަށް 56 މީހެއްގެ ފުރާނަ ގެއްލި، 2000 އަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފައި ވާއިރު، ވައިރަސް ފެތުރުމުގެ ބާރު އިތުރަށް ގަދަވެފައި ވާކަމަށް ޗައިނާގެ ސިއްހަތާ ބެހޭ ވަޒީރު މާ ޝިއާއޯވޭއީ ވަނީ ވިދާޅުވެފައެވެ. 2019-އެންކޯވްއަކީ ދިރޭ އެއްޗަކުން އުފެދިގެން އައި ވައިރަހެއް ކަމަކު، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަސް ދަތުރުކުރަން ފެށުމާއެކު، މި ވައިރަސް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ހުރަސްތަކަކާ ވަނީ ކުރިމަތިވެފައެވެ.
ކޮރޯނާ ވައިރަހުން ޖެހޭ ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު، މި ވައިރަހުން ދިފާއުވާނެ ވެކްސިންއެއްވެސް އަދި ހޯދިފައެއް ނުވެއެވެ. ކޮރޯނާ ވަރަސް ޖެހުމުން ނޭވާލާން އުނދަގޫވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ.