އިންޖީނު ހުއްޓިގެން ލަންކާގެ މަސް ބޯޓެއް އޮޔާ ދާތީ އެމްއެންޑީއެފުން އެ ބޯޓަށް އެހީތެރިވާން ފަށައިފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ އިންޖީން ހުއްޓިގެން ހާލުގައި ޖެހިފައިވާ ލަންކާގެ މަސް ބޯޓެއް ދިއްފުއްޓާ ދިމާ ބޭރުން ދާތީ އެ ބޯޓަށް އެހީތެރިވުމަށް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗް ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ހަ މީހަކު ތިބި ކަމަށާއި، ހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށެވެ. މި މަސް ބޯޓު މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުން އޮޔާދާ ކަމުގެ މައުލޫމަތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ 17:00 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އިން ދިޔައީ އެ ބޯޓު މޮނީޓާ ކުރަމުން ކަމަށާއި، އަދި އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެެމްއެންޑީއެފްގެ ލޯންޗް ނޫރައްދީން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އެ ބޯޓު އޮތީ ކ. ދިއްފުށީގެ އިރު އުތުރުން 58 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އަދި އެެމްއެންޑީއެފްގެ ލޯންޗް ނޫރައްދީނަށް އެ ސަރަހައްދަށް ދެވޭނެކަމަށް ބެލެވެނީ މިރޭ 21:30 ހާއިރުކަމަށް އެެމްއެންޑީއެފުން ބުނެއެވެ.