ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ލޯނާއި ސްކޮލާޝިޕްތަކުގައި ކިޔަވާ ދިވެހި ދަރިވަރުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއާ ހިއްސާކޮށްފިއެވެ.

މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޮރޯނާ ވައިރަސްއާ ގުޅިގެން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އަންނަނީ ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ކޮރީނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއެކު މިނިސްޓްރީގެ ލޯނާއި ސްކޮލާޝިޕް ސްކީމްގެ ދަށުން ކިޔވަމުންދާ ދަރިވަރުންގެ މައުލޫމާތު ވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ހިއްސާ ކޮށްފައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޗައިނާގެ ހޫބެއި ޕްރޮވިންސްގެ، ވޫހާން ސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ގުޅާ، ދަރިވަރުންގެ ހާލަތު ކައިރިން ބަލަމުން އަންނަކަމަށެވެ. އެގޮތުން، ސީދާ ދަރިވަރުންނާ ގުޅާ އަދި ދަރިވަރުން ކިޔަވަމުންދާ މަރުކަޒުތަކާ ގުޅާ ދަރިވަރުންގެ ހާލުވަނީ ދެނެގަނެވިފައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޫހާން ސިޓީގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅުކަމަށާއި، މިވަގުތު ޗައިނާގައި ސަރުކާރުގެ ލޯނު އަދި ސްކޮލާޝިޕްތަކުގައި ކިޔަވަމުންދަނީ، ވުހާން ސިޓީގައި ތިބި 6 ދަރިވަރުންނާއި، ޗައިނާގެ އެހެނިހެން ސަރަހައްދުތަކުގައި ކިޔަވަމުންދާ 44 ދަރިވަރުންނާއެކު ޖުމްލަ 50 ދަރިވަރުން ކަމަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދިފައިވާ ގޮތުގެމަތިން ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނާއި، ދަރިވަރުންގެ އާއިލާވެސް ޗައިނާގެ އެމްބަސީއަށް ގުޅާ ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދީފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު މިވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެކަންކުރުމަށްޓަކައި، އެ ގައުމެއްގައި ތިބި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ނުވަތަ އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.