މަސްތުގެ ހާލަތުގައި ހުރެ، 12 އަހަރުގެ ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި މީހަކަށް ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިލިމާލޭން ބަޔަކު ނިކުމެ އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތި ދެމުން ފުލުހުން ބުނީ އެ މަރާމާރީގައި ވިލިމާލެ ހޮސްޕިޓަލުގެ ބިއްލޫރިތަށް ތަޅާ، ހަމަނުޖެހުން ހިންގި ހަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދެ މީހުންނާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ ދެ މީހުން ކަމަށެވެ. އެ ހަ މީހުންނަކީވެސް ދިވެހި ހަ ފިރެހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ ހަ މީހުނަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު އެ މައްސަލައިގައި ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ބައްޕައަށެވެ. އަދި ވިލިމާލެއިން އާންމުންގެ ބަޔަކު ނިކުމެ، އަނިޔާކޮށްފައި ވަނީ އެ ކުއްޖާއާ ބެހުނު މީހަކަށް ފަރުވާދޭތީ ކަމަށް ބުނެއެވެ. އެ ހޮސްޕިޓަލުގެ ބިއްލޫރިތައް ތަޅާލައިފައި ވާއިރު މިދިޔަ ބުރަސްފަތި ދުވެހުގެ ރޭ ވަނީ އިހުތިޖާޖު ކޮށް ހަމަނުޖެހުމެއްވެސް ހިންގާފައެވެ. އެ މައްސަލައިގައި ކުއްޖާއާ ބެހުނުކަމަށް ތުހުމަތުކުރެވޭ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައެއް ނުވެއެވެ.