ގައިދީންގެ ބޭސްފަރުވާގެ ކަންކަމާއި ގުޅޭ ގޮތުން ކުރީގެ ކޮމިޝަނާ އޮފް ޕްރިސަންސް އަބްދުﷲ މުނާޒުގެ ގިނަ ތުހުމަތުތަކެއް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ކުރައްވައިފިއެވެ.
މުނާޒް ވަނީ މިދިޔަ ހުކުރު ދުވަހުވެސް މިނިސްޓަރު އިމްރާނަށް ތުހުމަތުތަކެއް ކުރައްވާފައެވެ.
މުނާޒް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ގައިދީންގެ ބޭސްފަރުވާ އަވަސް ކުރަން މިނިސްޓަރު އިމްރާން އަމަލީ ގޮތުން އެއްވެސް ކަމެއް ހަމަޖައްސައިދެވިފައިނުވާ ކަމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަށް ސްޕެސިއަލިސްޓުން ހޯދައި ނުދެވުނު ކަމަށެވެ.
"އައިޖީއެމްއެޗް އިން ޑޮކްޓާސް ޖަލަށްދާ ގޮތަށް ވެސް ހަމަޖައްސައި ނުދެވުނު، އަހަރެއް ފާއިތުވެގެން ދިޔައީ،" މުނާޒް ވިދާޅުވިއެވެ.
މުނާޒް މިގޮތަށް ވިދާޅުވެފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ ޖަލު އޮޑިޓް ރިޕޯޓްގެ ކަންކަމާ ގުޅިގެންވެސް ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރު އިމްރާން ވަނީ ޖަލުގެ އޮޑިޓް ރިޕޯޓްގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެކަންކަން ބެއްލެވުމަށް އެކުލަވާލެއްވި ކޮމެޓީއާވެސް މިދިޔަ އަހަރު ބައްދަލު ކުރެއްވީ ދެ ފަހަރަކު ކަމަށެވެ. އަދި އޭނާ ވަނީ ޖަލު އޮޑިޓް ރިޕޯޓްގައިވާ ކަންކަން ހާސިލް ކުރަން ބަޖެޓް ދެއްވިންތޯ ވެސް ސުވާލު ކުރައްވާފައެވެ.
މީގެ އިތުރުން އޭނާ މަގާމުން ވަކި ކުރުމާއި ގުޅިގެން ސަރުކާރާއި ކޯލިޝަނަށްވެސް ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޭނާ ކަރެކްޝަންސްގައި ހުއްޓާ ޖަލު ހިލުވާލަން ކޯލިޝަނުގެ ތެރެއިން އަދި ބޭރުން ކުޅުނު ކުޅިގަނޑު ކާމިޔާބު ނުވުމުން ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމަކީ އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
މުނާޒް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މަގާމަށް މުނާޒުގެ ބަދަލުގައި ހަމަޖައްސާފައި ވަނީ، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ހުންނެވި، އަހުމަދު މުހައްމަދު ފުޅެވެ.
ޕްރިޒަންސް ކޮމިޝަނަރުގެ މަގާމުން މުނާޒް ވަކިކޮށްފައި ވަނީ، ދާދިފަހުން ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މުނާޒަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި ޖަލުގައި ހިނގާ ބައެއް ކަންތައްތައް މުނާޒް ފޮރުވަން އުޅޭ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމުގެ ތުހުމަތުތައް ވެސް އޭނާއަށް ވަނީ ކޮށްފައެވެ.