ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް އެއާޕޯޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް އެވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައި ނުވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެއާޕޯޓްތަކުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކުރީން ކުރެވެމުން އެބަދާކަމަށާއި ނަމަވެސް މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށެވެ.
ކޮރޯނާވައިރަސްއަށް ސްކްރީން ކުރެވޭނެހެން އެއާޕޯޓުގައިވަނީ ތާމަލް ކެމެރާތައްވެސް ބަހައްޓާފައެވެ. އެޗްޕީއޭ އިން ބުނީ އެއާޕޯޓުގައި ސްކްރީނިންގް ފެށުމާއެކު ތާމަލް ކެމެރާއިން ހުން އަންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނަގާ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއަށް ޝައްކުވާ މީހަކު އެކަހެރި ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ތަނެއް ހުޅުމާލެ އިން މިހާރު ވަނީ ކަނޑައަޅާފައެވެ.
މިކަމާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަކީ އެކި ގައުމުތަކުން މީހުން ޒިޔާރްތަކުރާ ގައުމެއް ކަމަށާއި ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގެ އެއާޕޯޓާ ހިސާބުން ކުރަންޖެހޭ މަސައްކަތްތަައް އިސްކަން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއަށްފަހު މި ވައިރަސްއާ ބެހޭ ކަމެއް ފެނިއްޖެކަމަށްވާނަމަ ދެން އަމަލު ކުރަންޖެހޭ ގޮތަތަކާ މެދުވެސް މިހާރު އެޗްޕީއޭ އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ވާހަކަ ދެކެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 1200 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ޗައިނާ އިންވަނީ ބުނެފައެވެ. މި ވައިރަސް ޖެހިގެން މިހާތަނަށް 41 މީހަކު މަރުވެފައެވެ.