ތ. ބުރުނީއިން ސިހުރު ހަދަން ބޭނުންކުރި ފޮތްތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމަތުދޭ ގޮތުގައި، ބުރުނީގައި ހުރި ގެއެއްގައި ސިހުރު ހާހޫރު ހެދުމަށް ބޭނުންކުރާ ފޮތްތަކާއި، ސިހުރު ހާހޫރު ހެދުމަށް ބޭނުންކުރާ ބައެއް އާލާތްތައް ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދު ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލާ ފާސްކުރި އިރު ސިހުރު ހާހޫރު ހަދަން ބޭނުންކުރާކަމަށް ބެލެވޭ ފޮތްތަކެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ފޮތްތައް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ނުބުނެއެވެ.

ތ. ބުރުނީއިން ސިހުރި ހަދަން ބޭނުންކުރާ ފޮތްތަކެއް ފެނިފައިވާއިރު، މިދިޔަ އަހަރު ޑިސެމްބަރުމަހުވެސް ލ. ގަން މަތިމަރަދޫގެ ގެއަކުންވެސް ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކެއްވަނީ ފެނިފައެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް މާފަންމު އާސަހަރާގެ މަހާނައެއްގެ މަތީގައި ކުޑަ ސަންދޯކެއް ވަޅުލައިފައި އޮއްވާވަނީ ފެނިފައެވެ.

ސިހުރު ހާހޫރައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް ފެންމަތިވެ ސިހުރު ހަދަން ގެންގުޅޭ ތަކެތި ފުލުހުން އަތުލާފައިވެސް އެބަހުއްޓެވެ.