މުސްތަގުބަލުގައި ވަރުގަދަ ހަނގުރާމަތައް ކުރެވިގެންދާނީ ޖައްވުގައި ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދާދި ފަހުން އިފްތިތާހުކޮށްދެއްވި އެމެރިކާ އަސްކަރިއްޔާގެ ޖައްވީ ގޮފީގެ ލޯގޯއަކީ، މަޝްހޫރު ސައިންސް ފިކްޝަން ޓީވީ ސީރީޒް 'ސްޓާ ޓްރެކް' ގެ ނުފޫޒު ފޯރާފައިވާ ލޯގޯއެއް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާން ފަށައިފިއެވެ.

މިއީ ސްޓާ ޓްރެކްގެ ނުފޫޒު ފޯރާފައިވާ ލޯގޯއެއް ނޫންކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ. އެމީހުން ބުނާ ގޮތުގައި އެމެރިކާގެ ޖައްވީ އަސްކަރިއްޔާގެ ލޯގޯގެ އަސްލަކީ އެމެރިކާގެ 'އެއާފޯސް ވަން' މަތިންދާ ބޯޓެވެ.

އެމެރިކާގެ ޖައްވީ އަސްކަރިއްޔާގެ ލޯގޯއާއި ބެހޭ ތަފާތު ވާހަކަތަކެއް ފެންމަތިވެފައިވާއިރު، ޖައްވީ އަސްކަރިއްޔާއިން ބޭނުންކުރާ އަސްކަރީ ކޭމޯ ޔުނީފޯމަށްވެސް ގިނަ ބަޔަކު ވަނީ، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހަޖޫ ޖަހާފައެވެ.

ޖައްވީ އަސްކަރިއްޔާގެ ލޯގޯއަކީ، އަސްކަރީ ލީޑަރުންނާ، ފަރުމާގެ ފަންނުގެ މޭސްތިރިންގެ މަޝްވަރާއާއިއެކު ތައްޔާރުކޮށްފައިވާ ލޯގޯއެއް ކަމަށް، މި ލޯގޯ އާންމުކޮށް ދައްކާލައްވަމުން ޓްރަމްޕް ވަނީ ރޭގެ ވަގުތެއްގައި ވިދާޅުވެފައެވެ.