ޗައިނާގައި އުފެދި، ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ‏ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާ ގުޅިގެން ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތާށިވެފައިތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ފޮރިން މިނސިްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ. އަދި ދަރިވަރުން ކިޔަވަމުންގެންދާ ޔުނިވާސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިގޮތުން ދިވެހި ކިޔަވާކުދިންގެ ކަންތައްތައް ވެސް ބަލާނެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ފީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ދިވެހިންގެ ހާލު އެ މިނިސްޓޜިއާއި ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި 7 ދިވެހިންނާ އެމްބަސީއަށް ގުޅިފައިވާއިރު، ވޫހާންގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓރީން ބުނެއެވެ.

ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި 7 ދިވެހިން އެ ސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެމްބަސަޑާ ޒަންގާއި މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ހަމަ މިކަމާއި ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާބެހޭ ފަރާތްތަކާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އެގައުމުން ވަނީ ދީފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ޕްރޮޓޮކޯލްތަކުގެ ދަށުން ވޫހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށް ހުއްޓުވާފައިވާ ކަމަށާއި، ޗައިނާގެ އެހެން ހިސާބުތަކަށް ވެސް މި ވައިރަސް ފެތުރެމުންދާތީ، އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރެއެވެ.