ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށާއި، އެޕާޓީއިން އެދަރިފުޅު ބިކަވިޔަ ނުދޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހިދު މިހެން ވިދާޅުވީ، އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދިޔަ މެނިފެސްޓޯ ވޯކްޝޮޕްތަކުގެ ތެރެއިން ށ. އަތޮޅު ފޯކައިދޫގައި ކުރިއަށްދިޔަ އެއަތޮޅުގެ ވޯކްޝޮޕް ފައްޓަވައި ދެއްވަމުންނެވެ. ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން ރާއްޖެއަށް ގެނެސްދިން ނިޒާމެއް ކަމަށާއި، އެނިޒާމް ދަމަހައްޓަން އެޕާޓީއިން މަސައްކަތް ކުރާނެކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށާއި، އަމިއްލަ ދަރިފުޅަށް އަޅާލާ ފަދައިން، އެނިޒާމް ރާއްޖޭގައި ބިކަވިޔަ ނުދިނުމަށް އެމްޑީޕީއިން މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރާއްޖޭގެ ރަށްތައް ހިންގޭނެކަމަށް ގަބޫލުކުރާ، ލާމަރުކަޒީ ފިކުރާ އިދިކޮޅު ބަޔަކު ރާއްޖޭގައި އެބަތިބިކަމަށާއި، އެމީހުންނަށް މި އިންތިހާބުގައި ފުރުސަތު ދީގެން ނުވާނެކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ގަބޫލުކުރާ ކެންޑިޑޭޓުން މިއިންތިހާބުގައި ހޮވަން ޖެހޭކަމަށާއި، އެކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު

އެމްޑީޕީއިން ގަބޫލުކުރާ ކެންޑިޑޭޓުން ނޫން އެހެން ބަޔަކު ކައުންސިލްތަކަށް އަތުވެއްޖެނަމަ މިނިޒާމް ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރާނެ ކަމަށާއި، އެހެން އެކަން ވެއްޖެނަމަ ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމަށް ދެކޮޅު ހެދި ވާދަވެރި ފަރާތްތަކަށް ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަން ފުރުސަތު ދެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ފުރުސަތެއް ވާދަވެރިންނަށް ނުދިނުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއިން ކާމިޔާބުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ކެންޑިޑޭޓުންނާއި ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ބޭއްވި މި ވޯކްޝޮޕްގައި މިނިސްޓަރު ޝާހިދު ވަނީ އިންތިހާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެ، އެފަރާތްތަކަށް ހިތްވަރު ދެއްވާފައެވެ. ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބަޔަކީ އަންހެން މެންބަރުންނަށް ހެދުމަށް ގާނޫނު އިސްލާހު ކުރެއްވުމަށް އިސްނެންގެވީ ރައީސް އިބްރާހިމް މުހައްމދު ސޯލިހާއި އެމްޑީޕީ ކަމަށާއި، އެކަމާއި އެހެން ހުރިހާ ޕާޓީއަކުން ދެކޮޅު ހެދިކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށް ދެކޮޅު ހެދި ބަޔަކު ބޭނުންވާ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވުމަށް ފުރުސަތު ނުދެއްވުމަށް ވެސް ޝާހިދު ގޮވާލެއްވިއެވެ.

މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އޮތް އިރު، ޕްރައިމަރީއިން ބަލިވާ ކެންޑިޑޭޓުން، މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރަން ޖެހޭނެކަމަށް ވިދާޅުވެ، އެކުވެރިކަމާއިއެކު ކެމްޕޭން ކުރެއްވުމަށް ޝާހިދު އިލްތިމާސް ކުރެއްވިއެވެ.

ފޯކައިދޫގެ އިތުރުން ށ އަތޮޅު ނޫމަރާ، ފުނަދޫ އަދި މިލަންދޫއަށް ވަޑައިގެން، އެރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި ބައްދަލު ކުރެއްވުމަށްފަހުވެސް މިނިސްޓަރު ޝާހިދު މިފަދައިން ވާހަކަދެއްކެވިއެވެ.