އިރާގުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އީރާނުން ދިން ވަރުގަދަ ހަމަލާތަކުގައި، އެމެރިކާ އަސްކަރިއްޔާގެ 34 މެމްބަރެއްގެ ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް، އެމެރިކާގެ ދިފާއި ވުޒާރާ (ޕެންޓަގަން)އިން ހާމަކޮށްފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނަކު ވިދާޅުވީ، އަސްކަރިއްޔާގެ 17 މެމްބަރަކު އަދިވެސް އޮތީ އޮބްޒަވޭޝަންގައި ކަމަށެވެ.

އީރާނުގެ އަސްކަރީ ޖެނެރަލް ގާސިމް ސުލައިމާނީ މަރާލިކަމުގެ ބަދަލު ހިފުމުގެ ގޮތުން، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިމަހުގެ 8 ވަނަ ދުވަހު އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާގެ މެމްބަރަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަސްކަރީ ބޭސްތަކަށް އީރާނުން ދިން ހަމަލާ ބަދަލުގައި އެމެރިކާއިން ހަމަލާއެއް ދީފައި ނުވަނީ، އަސްކަރިއްޔާގެ އެއްވެސް މެމްބަރެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާތީ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތް އިރު ޕެންޓަގަންއިންވަނީ، އަސްކަރިއްޔާގެ 11 މެމްބަރަކަށް ކޮންކަޝަންގެ އަލާމާތްތަކަށް ފަރުވާ ދީފައިވާކަމަށް މިދިޔަ ހަފުތާގައި ހާމަކޮށްފައެވެ. ނަމަވެސް ސުވިޓްޒަލޭންޑްގެ ޑާވޯސްގައި ކުރިއަށްދިޔަ ވާލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާ ސިފައިންގެ ބޮލުގައި ރިއްސުން ފަދަ ޝަކުވާތަކެއް އެބަހުރި ކަމަށާ، އެއްވެސް ކަމެއް ސީރިއަސް ނުވާ ކަމަށް ވިދާޅުވެފައެވެ.

މިއާ ހިލާފަށް ޕެންޓަގަންގެ ތަރުޖަމާނެއް ކަމަށްވާ ޖޮނަތަން ހޮފްމަން ވިދާޅުވީ، ފަރުވާ ދިނުމަށް އެމެރިކާގެ ސިފައިންތަކެއް އެގައުމަށް ގެންގޮސްފައިވާ ކަމަށާ، އިތުރު ފަރުވާ ބޭނުންވާ ބައެއް މެމްބަރުން ޖަރުމަނުވިލާތަށްވެސް ފޮނުވާލާފައިވާކަމަށެވެ.

މީގެ އިތުރުން ކުވައިތާ އިރާގުގައިވެސް އެމެރިކާ އަސްކަރިއްޔާގެ މެމްބަރުންނަށް ފަރުވާ ދީފައިވާ ކަމަށާ، ބައެއް މެމްބަރުން މިހާރު ވަޒީފާއަށް ނިކުމެފައިވާކަމަށްވެސް ހޮފްމަން ވިދާޅުވެފައެވެ. އަދި މިފަދަ ތަފްސީލުތަކަކީ އީރާނު ހަމަލާއާއި ގުޅިގެން ދިފާއީ ވަޒީރު މާކް އެސްޕާއަށް ލިބިވަޑައިގެންފައިވާނެ މައުލޫމާތެއް ނޫންކަމަށް ވިދާޅުވެ ހޮފްމަން ވަނީ ވަޒީރުގެ ދިފާއަށް ވާހަކަދައްކަވާފައެވެ.

ޓްރޯމެޓިކް ބްރެއިން އިންޖަރީ ނުވަތަ ބޮލުގައި އެއްޗަކުން ޖެހިގެން ސިކުނޑިއަށް ލިބޭ ހާނީއްކައަކީ ހަނގުރާމަތަކުގައި އާންމު ކަމެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވާއިރު، މިފަދަ މައުލޫމާތެއް އާންމުކުރުން ލަސްކޮށްފައިވާކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

ކަންމިހެން އޮތްއިރު، އިރާގުން ދަނީ އެގައުމުގައި ހަރަކާތްތެރިވާ ބޭރުގެ އަސްކަރީ ފައުޖުތައް އެގައުމު ދޫކޮށް ދިއުމަށް ޑިމާންޑްކުރަމުންނެވެ.

އެމެރިކާ އަސްކަރިއްޔާގެ 5000 އެއްހާ ސިފައިން، މިހާރުވެސް ދަނީ އިރާގުގައި ހަރަކާތްތެރިވަމުންނެވެ.