ކުޑަކުދީންނަކީ ގައުމުގެ ކުރިމަގުކަމަށް ވިދާޅުވެ، އެ ކުދީންނަށް އެންމެ ފުރިހަމައަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، ގައުމަށް ފައިދާހުރި ޖީލަކާއި ރަނގަޅު ދަރީންތަކެއް ބިނާކޮށް ތަރުބިއްޔަތު ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

31 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. އަތޮޅު ދިއްގަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ޅެންވެރީން ދީފައިވާ މުހިންމު ފިލާވަޅުތަކުން އިބުރަތް ލިބިގަނެ، ޅެންތައް މެދުވެރިކޮށް ޝާއިރުން ކިށްފައިވާ އިލްތިމާސްތަކަށް އިޖާބަދޭން ޖެހޭ ކަމަށެވެ.

އާދެ، މުޅި ގައުމު، އަޅުގަނޑު ދަންނަވާނީ، ކުރާންވީ މަސައްކަތަކީ މިއީއޭ. ހެޔޮ ގޮތުގައި ޅަ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި މަންމައާއި ބައްޕައާއި، މާމައާއި ކާފައާއި، މުނިމާމައާއި މުނިކާފަވެސް، އަދި ދައްތައާއި ބޭބެވެސް، އަދި ކޮއްކޮވެސް ހިމެނޭ ގޮތަށް، އަޅުގަނޑުމެން ކުރާންވީ މި މަސައްކަތްމުދައްރިސުންނާއި، މުވައްސަސާތަކުގެ ވެރީންނާއި، ހުރިހާ އެންމެން ގުޅިގެން އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންގެ ލޯ ފަދަ، އަޅުގަނޑުމެންގެ ލޯބިވާ، އަޅުގަނޑުމެންގެ ދަރީންނަށް ހިމާޔަތާއި ރައްކާތެރިކަން، ލޯތްބާއި ކުލުނު، އޯގާތެރިކަމާއި އަޅާލުން ހޯދައިދީގެން، ރަނގަޅު ޖީލެއް، ރަނގަޅު ދަރީންތަކެއް، ބިނާކުރުމުގެ މަސައްކަތް ކުރާން. ގައުމަކަށް އޮންނާނެ އެންމެ މުހިއްމު ކަމަކީ އެއީ
ނައިބު ރައީސް ފައިސަލް ނަސީމް

ޅެންވެރީން ދިވެހި ގައުމަށް ކޮށްދީފައިވާ، އަދި މިހާރުވެސް ކޮށްދެމުން ގެންދާ ހިދުމަތްތަކަށް ތައުރީފު ކުރައްވާ، ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ޅެންވެރިކަމަކީ ގައުމުގެ އަދަބިއްޔާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭ ފަންނެއް އަދި ހެއްކެއްކަމަށެވެ. އަދި، ޅެންވެރީންގެ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ކަމާބެހޭ އެހެން އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރަން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަ ކުރުމުގައި ދިއްގަރުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އަހުވަންތަ ގުޅުމާއި، އެއްބައިވަންތަކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ، ދިއްގަރު ރައްޔިތުންގެ އެ މިސާލުން ހިތްވަރު ލިބިގަތުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އެ ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ހިދުމަތް ކުރައްވަމުން ގެންދަވާ ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ހުސައިން ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވާ، އޭނާއަށް ހާއްސަ ހަނދާނީފިލައެއް އަރުވާފައެވެ.

އަބްދުއްރަޝީދު ހުސައިނަކީ ދިވެހި ބަހާއި އަދަބަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ހާއްސަ ކުރައްވާފައިވަނީ އޭނާއަށެވެ.

މީގެ އިތުރުން، ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމާމެދު ވާހަކަ ދައްކަވަމުން ނައިބް ރައީސް ވަނީ ދިވެހިރާއްޖޭގެ ޅެންވެރީންގެ ގުލްޒާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ހިދުމަތްތެރި ޅެންވެރީންނާއި، ޝާއިރުންނާއި، އަދީބުންނާއި، އުސްތާޒުންގެ ނަންތައް ފާހަގަކުރައްވާ، އެ ބޭފުޅުން ދޫކުރައްވާފައިވާ ހަދިޔާތަކުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންގެ ޒިކުރާ އާ ކުރާން ޖެހޭކަމަށް ވިދާޅުވެފައެވެ.

ރޭގެ އެ ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ "އިއްޒަގެ ޅެންފޮތް" ގެ ނަމުގައި ޝާއިއުކޮށްފައިވާ "މަލަސް" ގެ 103 ވަނަ އަދަދު ރަސްމީކޮށް ނެރެދެއްވާފައެވެ.