ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އަދާލަތު ޕާޓީގެ ކެމްޕޭނަށް އެޕާޓީގެ ރައީސް އިމްރާން އަބުދުﷲ ހދ. އަތޮޅަށް ވަޑައިގެންފިއެވެ.

އަދާލަތު ޕާޓީން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް ހދ. އަތޮޅުގައި ފެށުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާނާއި ކެމްޕޭން ވަފުދު އެއަތޮޅު ނެއްލައިދޫއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ކެމްޕޭނަށް އެރަށުގެ ގެއިން ގެއަށް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަދާލަތު ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށާފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން އަންނަނީ ވަރަށްވެސް ފޯރި ގަދަކޮށް ކެމްޕޭންތައް ކުރަމުންނެވެ.

އެގޮތުން އެމްޑީޕީގެ އެކި ވަފުދުތައް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ، ކެމްޕޭން ކުރަމުންނެވެ. އެގޮތުން މިނިސްޓަރުންނާއި އެމްޑީޕީގެ އިސްވެރިން ހިމެނޭ ވަފުދުތައް ދަނީ ރަށްރަށަށް ވަޑައިގެން ގެއިން ގެއަށް ކެމްޕޭން ކުރަމުންނެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.