"ރިހަ" މިއީ އަޅުގަނޑުމެން ދިވެހިންނަށް އިތުރު ތައާރަފަކަށް ބޭނުންވާނެ ޑިޝްއެއް ނޫނެވެ. ރިހައިގެ ތާރީޚު، މާޒީގެ އެތައް އަހަރަކަށް ދެމިގެން ގޮސްފައިވެއެވެ. ކަންމިހެން އޮތްއިރު، ރިހައަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ކެއުމެއްވެސް ނޫނެވެ. ރިހަ ނުވަތަ 'ކަރީ'އޭ މި ކިޔާ ކުޑައިގެ ދަށުގައި ތަފާތު އެކި ބާވަތްތައް ލިސްޓުކުރެވެއެވެ.
ރިހައިގެ ތާރީހު
"ކަރީ: އަ ގްލޯބަލް ހިސްޓްރީ"ގައި ކޮލެން ސެން ލިޔެފައިވާ ގޮތުގައި ރިހައަކީ އެކި ކަހަލަ ހަވާދުގެ ބާވަތްތައް ބޭނުންކޮށްގެން މީރުކޮށްފައި ހުންނަ އެއްގަމު މަސް، ކަނޑުމަސް ނުވަތަ ތަރުކާރީ ސޫޕްއެކެވެ. ރިހަ ކައްކާ ގޮތުގެ ތަފްސީލެއް ބޭނުންވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
އޭނާގެ ފޮތުގައި ސެން ބުނާ ގޮތުން ނަމަ ރިހައަށް އިނގިރޭސިން މިކިޔާ "ކަރީ" މި ލަފުޒު އައިސްފައިވަނީ، ރިހައިގެ ރަސްގެފާނުގެ ގޮތުގައި މުޅި ދުނިޔެވެސް އިއްތިފާގުވާ އިންޑިޔާއިންނެވެ. އިންޑިޔާގެ ވެސް ދެކުނުގެ ހިސާބުތަކުންނެވެ. އެއީ 'ރިހަ'އަށް އެމީހުން ކިޔާ އުޅޭ "ކާދީ ނުވަތަ ކަރި" އިން ކަމަށްވެއެވެ. 17 ވަނަ ގަރުނުގައި އިންޑިއާ ހިސޯރުކޮށްގެން އުޅުނު ޕޯޗުގީޒުންނަށް މި 'ކާދީ' ކަމުގޮސް، އެމީހުންގެ ވަޒަނަށްވެސް އެ ޑިޝް ގެންދިޔައީކަމަށް ސެން ބުނެއެވެ. އިނގިރޭސި ލަޒުފުތަކުގެ ތެރެއަށް 'ކަރީ' އައީ ޕޯޗުގީޒުންގެ ތެރެއިންނެވެ.
ރިހައާ ބެހޭ ގޮތުން ހަދާފައިވާ އެކި ދިރާސާތަކަށް ބަލާއިރު އެންމެ ފުރަތަމަ ރިހަ އުފެދިގެން އައީ އީސާގެފާނު ފާޅުކުރެއްވުމުގެ 2500 ކުރިން، މިހާރުގެ ޕާކިސްތާނޭ މިކިޔަ ސަރަހައްދުން ކަމަށް ބުނެއެވެ. އޭގެ ފަހުން ދުނިޔެ ދުށް ތަރައްގީގެ އެތައް މަރުހަލާއެއްގެ ތެރެއިން، އެއްތަނުން އަނެއް ތަނަށް މީހުން ހިޖުރަކުރުމާ، ވިޔަފާރީގެ ދަތުރުވަރީގެ ތެރެއިން ދުނިޔޭގެ އެކި ހިސާބުތަކަށް ރިހައިގެ ސަގާފަތް ފެތުރުނީއެވެ.
އަދުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު، ކޮންމެވެސް ބާވަތެއްގެ 'ރިހަ؛އެއް ތައްޔާރު ނުކުރާ ގައުމެއް ނެތެވެ. ދިވެހިންގެ މަސްރިހަ، އިންޑިއާގެ ޗިކަން ޓިއްކާ މައްސާލާ އިންފެށިގެން ތައިލޭންޑްގެ ފެހި ރިހަ އަދި ޖެމެއިކާގެ ބަކަރި ރިހަ ފާހަގަކުރަންޖެހެއެވެ.
އިންޑިއާ
އިންޑިއާގެ ރިހައިގެ ވާހަކަ ދައްކާއިރު ހުލާސާއަކަށްވެސް ހުލާސާ ބޭނުންވެއެވެ. އިންޑިއާގެ ރިހައިގެ ތާރީހުގެ ވާހަކަ ދައްކާ ކޮޅުން ނުލާއިރު، އިންޑިއާގެ އެކި ހިސާބުތަކުން ލިބެން ހުރި އެކި ޒާތުގެ ރިހައިގެ ވާހަކައަކީވެސް ފުޅާދާއިރާއެއްގައި އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކިދާނެ ބާވަތްތަކެކެވެ.
އިންޑިއާގެ ހާއްސަ ރިހަތަކަށް ބަލާއިރު އެންމެ މަގުބޫލު އެއް ރިހައަކީ ބަޓާ ޗިކަންއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި އިންޑިއާ ރެސްޓޯރަންޓަކުންވެސް ލިބެން ހުރި މި ރިހަ އެންމެ ފުރަތަމަ ތައްޔާރުކުރީ ޝެފް ކުންދަން ލާލް ގުޖުރާލްއެވެ. އޭނާ މި ޑިޝް ތައްޔާރުކުރީ މީލާދީން 1948 ވަނަ އަހަރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. އިންޑިއާ މެނޫއިން ލިބެން ހުރި އިތުރު ރިހަތަކަށް ބަލާއިރު، ކްރީމީ ކޯރްމާ އަދި ރޯގަން ޖޯޝް ފާހަގަކުރަންހެއެވެ.
ޖަޕާނު
ޖަޕާނަށްވެސް ރިހަ ވަރެއް ހަމަ ނެތެވެ. ޖަޕާނުގައި ބޮޑަށް ހިނގަނީ ހިކި ރިހައެވެ. އެންމެ މަގުބޫލީ 'ކަރޭ ރައިސޫ' ނުވަތަ 'ރިހަޔާ ބަތެވެ'. މިއީ ނުރަސްމީ ގޮތުން ޖަޕާނުގެ ގައުމީ ޑިޝްވެސްމެއެވެ. ޖަޕާނު މީހުންގެ އާންމު ދިރިއުޅުމުގައި 3 ވަނަ އަށް އެންމެ މަގުބޫލު ޑިޝްއަކީވެސް ރިހަޔާ ބަތް ކަމަށްވާއިރު، ސްކޫލް ކުދިން ބުނާ ގޮތުގައި އެ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތު މެންދުރުގެ ކެއުމަށްވެސް އެންމެ ހިތްގައިމީ ރިޔަހާ ބަތެވެ.
ޖަޕާނަށް ރިހަ ތައާރަފުކުރީ 1800ގެ އަހަރުތަކުގައި އެގައުމުގައި އުޅުނު އިނގިރޭސި އޮފިސަރުންނާ، އެދުވަސްވަރު ޖަޕާނަށް ދަތުރުކުރި ވިޔަފާރިވެރިން ކަމަށް ބުނެވެއެވެ. އަދި އަސްކަރިއްޔާއަށް ވަންނަ ޒުވާނުންގެ ގައިގައި ބާރު ޖެއްސުމަށްޓަކައި މަސްކާން ހިތްވަރު ދިނުމުގެ ގޮތުން ރިހަޔާ ބަތް ތައާރަފުކުރި ކަމަށް ވެއެވެ.
ތައިލޭންޑް
ފަތުރުވެރިންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް މަންޒިލަށް ވެފައިވާ ތައިލޭންޑްގައިވެސް ރިހަޔަކީ އެންމެ ކާމިޔާބު އެއް ބާވަތެވެ. ވަކިން ހާއްސަކޮށް، ތައިލޭންޑްގެ ގްރީން ކަރީ ނުވަތަ ފެހި ރިހައިގެ ރަހަޔަކީ ދިވެހިންނާވެސް ރަހުމަތްތެރި ރަހައެކެވެ.
ތައިލޭންޑަށް ރިހަ ތައާރަފުކޮށްދިނީ މީލާދީން 4 ވަނަ ގަރުނުގެ ތެރޭގައި އެގައުމަށް ދަތުރުކުރި އިންޑިއާ ދަތުރުވެރިންތަކެކެވެ. އޭގެ ފަހުން 16 ވަނަ ގަރުނުގެ ތެރޭގައި، ތައިލޭންޑްގެ ރިހައިގެ ތެރެއަށް ތޮޅި މިރުސް ތައާރަފުކޮށްދިނީ ޕޯޗުގީޒުންނެވެ. މިއަދު އެއީ ކޮންމެހެންވެސް ތައިލޭންޑުގެ ރިހައެއްގައި ހުރުން ލާޒިމު އެއްޗެކެވެ.
ތައިލޭންޑްގެ ރިހަތަކަށް އެންމެ ހާއްސަ ރަހަތަކުގެ ތެރޭގައި، ޑިނގާ، ލެމަންގްރާސް އަދި ޕާމްޝުގާ ހިމެނެއެވެ.
ސްރީލަންކާ
ސްރީލަންކާއަކީވެސް ރިހަޔާއި ގާތް ގުޅުމެއް އޮތް ގައުމެކެވެ. ގަދީމީ ސްޕައިސް ރޫޓްއާއި އިނގިރޭސިންގެ އަޅުވެތިކަމުގައި އޮތުމީ މިކަމުގެ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެ އިތުރުން ސްރީލަންކާގެ އުތުރުގެ ސަރަހައްދުތަކުގައި އުޅޭ ގިނަ މީހުންނަކީ އާއިލީ ގޮތުން އިންޑިޔާއާއި ގުޅިފައިވާ ބައެއް ކަމީވެސް މިކަމަށް އިތުރުވާ ސަބަބެކެވެ.
ސްރީލަންކާގެ ރިހަތަކަށް އެންމެ ހާއްސަ އެއް ސިފައަކީ، އެކި ހިސާބުތަކުން އެކި އިންގްރީޑިއަންޓްސް އަޅައިގެން އެ ޑިޝްތައް މުއްސަނދި ކުރަމުން އަންނަ ކަމެވެ.
މިއަދު ސްރީލަންކާގެ އެންމެ ހާއްސަ ރިހަތަކުގެ ސިއްރު އިންގްރީޑިއަންޓްއަކަށް ވެފައި އޮންނަނީ ދިވެހި ރާއްޖެއިން ގެންދާ ކަނޑުމަސް ކަމީ، ދިވެހިންނަށް ލިބޭ ފަޚްރެކެވެ.
ޕާކިސްތާނު
ދުނިޔޭގެ އެކި ހިސާބުތަކަށް ރިހައިގެ ސަގާފަތް ފެތުރިގެން ދިއުމުގައި ޕާކިސްތާނުގެ ނުފޫޒު އޮތް ކަމަށްބުނެވެއެވެ. ކަންމިހެން އޮތްއިރު، ޕާކިސްތާނުގެ ރިހައިގެ ސަގާފަތް ބައްޓަން ކުރުމުގައި އިސް ދައުރެއް އަދާކުރީ މީލާދީން 16 ވަނަ ގަރުނާ 18 ވަނަ ގަރުނާ ދެމެދު އިންޑިއާގައި ވަރުގަދަ ނުފޫޒެއް އޮތް މުގަލްސްއިން ކަމަށްވެއެވެ.
ޕާކިސްތާނުގެ މެނޫތަކުން އެންމެ ހާއްސަ ރިހަތަކުގެ ތެރޭގައި ހަލީމް، ކަރާހީ، ޗިޗަންޑާ ރިހަ، ސަނާމުގު ރިހަ އަދި އެނޫންވެސް މުގުގެ އެކި ބާވަތްތަކުގެ ރިހަތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެ
ގައުމު ކިތަންމެ ކުޑަވެފައި ދުނިޔޭގެ ނިސްބަތުން އާބާދީ ކުޑަވި ކަމުގައި ވީ ނަމަވެސް، ދިވެހިންނަކީވެސް ރިހައިގެ ވާހަކަ ދައްކާއިރު މުއްސަނދި ސަގާފަތެއްގެ ވެރި ބައެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިހައިގެ ޖާފަތްތަކަށް އިންސާފުކޮށް، ސީއެންއެންއިން އެކުލަވާފައިވާ ލިސްޓުގެ 6 ވަނަ މަގާމު ގެންގޮސްފައިވަނީވެސް ދިވެހިރާއްޖެއެވެ.
ދިވެހިރާއްޖޭގެ ރިހަތަކުގެ އެންމެ ހާއްސަ އެއް ކަމަކީ، ރިހައިގެ މައިގަނޑު އިންގްރީޑިއަންޓްސް އަކީ ރާއްޖޭގެ ވެށިން ލިބެންހުރި ބާވަތްތަކަކަށް ވާކަމެވެ. ކާއްޓާ، މަހުން ފެށިގެން ގޮސް މީރު ކުރުމަށް ބޭނުންކުރާ ހިކަނދިފަތާ، ރާނބާފަތް އަދި މިރުހަކީވެސް ދިވެހި ފަސްގަނޑުގައި މިއަދު އިންދާ ހައްދާ ބާވަތްތަކެކެވެ.
ދިވެހި ރިހަތަކަށް އެންމެ ބޮޑު ނުފޫޒެއް ފޯރާފައިވަނީ އިންޑިއާ، އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުންނެވެ. ދިވެހި މެނޫއިންވެސް ތަފާތު އެކި ބާވަތުގެ ރިހަ ލިބެންހުރި އެންމެ ގިނަ ބަޔަކު ގަޔާވާ، އަދި އެންމެ އާންމުކޮށް ލިބެން ހުންނަ ބާވަތަކީ މަސްރިހަ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. މީގެ އިތުރުން ދިވެހި ރަހަތަކަށް ހާއްސަ އަނބުރިހައާއި ދިވެހި ކުކުޅު ރިހައަކީވެސް މި ލިސްޓުގެ ކުރިން ޖާގަ ހޯދާ ޑިޝްތަކެކެވެ.
ދިވެހިންނަށް އެ ރަހަކާ ނުލާ އުޅެން ދަތި މަހުގެ ބާވަތްތަކުގެ އިތުރުން، ތަފާތު ބާވަތްތަކުގެ ތަރުކާރީއިންވެސް ދިވެހި ރިހައިގެ މެނޫ މުއްސަނދިކަން ހޯދައެވެ. ބަރަބޯ، ބަށި، ޗިޗަންޑާ، ބަނބުކެޔޮ މިހެން ގޮސް މި ލިސްޓު ކިތަންމެހާވެސް ދިގު ކުރެވިދާނެކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ.
މެލޭޝިއާ
ޖިއޮގްރަފީ ގޮތުން މެލޭޝިއާ އޮތް ސަރަހައްދުގެ އަސަރު އެންމެ ބޮޑަށް ފެންނަމުންދާ އެކައްޗަކީ އެގައުމުގެ ރިހައިގެ މެނޫއެވެ. މީގެ އިތުރުން އެކި ހިސާބުތަކުން މެލޭޝިއާއަށް ދަތުރުކުރި މީހުން މެލޭޝިއާގައި ވަޒަންވެރިވުމުގެ އަސަރުތައްވެސް މެލޭޝިއާގެ ރިހައިގެ މެނޫ ލިސްޓުން ފެންނަން އެބަހުއްޓެވެ.
މެލޭޝިއާގެ ރިހައިގެ ރަހަތަކަށް ފޯރާފައިވާ ވަރުގަދަ ނުފޫޒުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ތަމަޅައިންގެ ނުފޫޒުވެސް ހިމެނެއެވެ. ދިވެހި ރަހަތަކާ ދާދި އެއް ރަހަތަކެއް މެލޭޝިއާގެ ރިހައިގައި އެކުލެވޭއިރު، މި ރިހަތައް ތަފާތުކުރާ އެންމެ ވަރުގަދަ ރަހައަކީ، ޑިނގާ ޕޭސްޓްގެ ރަހައެވެ.
މެލޭޝިއާގެ މުއްސަނދި މެނޫތަކަށް ބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ މަޝްހޫރު އެއް ރިހައަކީ ރެންޑާންގެވެ.
އިންޑޮނޭޝިއާ
މެލޭޝިއާއެކޭ އެއްގޮތަށް އިންޑޮނޭޝިއާގެ ރިހައިގެ މެނޫއަށްވެސް އެންމެ ބޮޑު ނުފޫޒެއް އައިސްފައިވަނީ ޗައިނާއިންނެވެ. މީގެ އިތުރުން މެދުއިރުމަތީގެ ރަހަތައްވެސް މި ޑިޝްތަކުގައި ހިމެނެއެވެ.
އިންޑޮނޭޝިއާގެ އެކި ހިސާބުތަކަށް ހާއްސަ އެކި ރަހަތައްވެސް ހުރެއެވެ. އިންޑޮނޭޝިއާގެ ރިހައިގެ މެނޫތަކަށް ބަލާއިރު އެންމެ ފާހަގަކުރެވޭ ބައެއް ބާވަތްތަކުގެ ތެރޭގައި ގުލާއީ ކަމްބިންގް، ކަރީ އަޔާމް އަދި ރެންޑާންގް ފާހަގަކުރެވެއެވެ. މީގެ އިތުރުން ކަނޑުމަހު ބޮލު ރިހައަކީވެސް އިންޑޮނޭޝިއާއިން ފެންނަ އާދަޔާ ހިލާފު ރިހައެކެވެ.
ދެކުނު ކޮރެޔާ
ދެކުނު ކޮރެޔާއަށް ރިހަ ތައާރަފުވެގެން އައީ 2 ވަނަ ބޮޑު ހަނގުރާމައަށްފަހުގައެވެ. ހަނގުރާމައިގެ ކުރިންނާ ހަނގުރާމައިގެ ދުވަސްވަރު، 2.4 މިލިއަނެއްހާ ކޮރެޔާ މީހުން ދިރިއުޅެމުންދިޔައީ ޖަޕާނުގައެވެ. ހަނގުރާމާގައި ޖަޕާނު ބަލި ގަބޫލުކުރި ފަހުން މީގެ ތެރެއިން އެތައް ހާސް ބަޔަކު އެނބުރި އަމިއްލަ ވަޒަނަށް ދިޔައީ އެމީހުންނާއެކު ޖަޕާނުގެ މެނޫތައްވެސް ހިފައިގެންނެވެ. އަދި ކޮރެޔާއަށް އެނބުރި ގޮސް، ޖަޕާނުގައި އެމީހުން ކައި އުޅުނު ޒާތުގެ ރިހަތައް ތައްޔާރުކުރަން މަސައްކަތްކުރިއެވެ.
ނަތީޖާއަކަށްވީ 1960ގެ އަހަރުތަކުގައި، ތައްޔާރީ ހަވާދުގެ ބްރޭންޑްތައް ޕެކެޓްތަކުގައި ތައާރަފުވެގެން އައުމެވެ.
އިނގިރޭސިވިލާތް
އިންޑިޔާއާއި އިނގިރޭސިންގެ ގުޅުމަކީ މާޒީގެ އެތައް އަހަރަކަށް ދެމިގެން ގޮސްފައި އޮތް ގުޅުމެކެވެ. މި ގުޅުމުގެ ބޭނުން ހިފައިގެން، އެބައެއްގެ ރިހައިގެ މެނޫތައް މުއްސަނދި ކުރަމުންދާ އަނެއް ގައުމަކީ އިނގިރޭސިވިލާތެވެ. މީލާދީން 18 ވަނަ ގަރުނުން ފެށިގެން އިނގިރޭސިން ދަނީ މިކަން ކުރަމުންނެވެ.
ވަކިން ހާއްސަކޮށް، އިންޑިއާ އަޅުވެތިކޮށްގެން އުޅުނު އިނގިރޭސި އޮފިސަރުން އެނބުރި ގައުމަށް އަންނަން ފެށުމާއެކު ރިހައިގެ ރަހަތަށް އިތުރަށް ފައްކާ ކުރަމުންދިޔައެވެ. ނަތީޖާއަކަށްވީ ހިންދޫސްތާން ކޮފީ ހައުސްގެ ނަމުގައި، ރިހަތަކަށް ހާއްސަ ރެސްޓޯރަންޓެއްވެސް ލަންޑަންގައި ހުޅުވިގެން ދިއުމެވެ.
މީގެ އިތުރުން 1970ގެ އަހަރުތަކުގައި އިނގިރޭސިވިލާތަށް ހިޖުރަކުރަން ފެށި ބަންގާޅު ދަރިކޮޅުންވެސް އިނގިރޭސިވިލާތުގެ ރިހައިގެ ސަގާފަތް މުއްސަނދި ކުރަން ފެށިއެވެ. އިނގިރޭސިވިލާތުގައިވެސް މިއަދު ރިހަޔަކީ ނުރަސްމީ ގައުމީ ޑިޝްއެވެ. އަދި 'ކަރީ ވީކް'ގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހު ހާއްސަ ހަރަކާތްތަކެއްވެސް އިނގިރޭސިވިލާތުގައި ކުރިއަށް ގެންދެއެވެ.