ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ، ތަރާވީހު ނަމާދުކުރަން ބޭރުން 50 ހާފިޒުން ގެންނަން ނިންމާފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރޯދަ މަހުގައި ވެސް އިމާމުވެ ތަރާވީސް ކުރުމަށް ހާފިޒުން ގެންނަން ނިންމާފައިވާކަމަށެވެ. އަދި ހާފިޒުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާ ދެމެދު ހިނގާ ހުރިހާ ހަރަދަކަށް މި އަހަރު ނަގަން ހަމަޖެހިފައިވަނީ 26،000 ރުފިޔާ ކަމަށެވެ.

އަދާލަތުން ބުނީ އެ ޕާޓީ މެދުވެރިކޮށް ހާފިޒުން ގެނައުމަށް ޝަގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެ ޕާޓީގެ މަރުކަޒީ އިދާރައަށް އީމެއިލަކުން ނުވަތަ ލިޔުމަކުން ފައިސާދެއްކުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެެވެ.

އީމެއިލް ފޮނުވާނީ އަދާލަތު ޕާޓީގެ މެއިލް [email protected] އަށް ކަމަށް އެޕާޓީން ބުނެއެވެ.

ރޯދަމަހު ބޭރުން ހާފިޒުން ގެނައުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. އެ ފަރާތްތަކަށް ވިސާ ހޯދުމަށް ގިނަ ލިޔެކިއުންތަކެއް ހުށަހަޅަން ޖެހޭ ގޮތަށް ވެސް އޭރު ވަނީ ހަމަޖައްސާފައެވެ.

އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ކުލަ ކޮޕީއާއި އެ މީހަކީ ހިފްޒުކޮށް، ތަރާވީހު ނަމާދުކުރަން ގެންނަ މީހެއްކަން އެނގޭނެ ސިޓީއެއް ހިމެނެއެވެ. އަދި، ރާއްޖެއަށް އެ ހާފިޒަކު ގެންނަނީ ޖަމިއްޔާއަކުން ނަމަ އެ ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީއެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.