ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އިސްވެރިޔަ ބަދަލުކުރުމަކީ ތަން ރަނގަޅަށް ހިންގުމަށް އެޅޭ ހުރަހެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ ބަދަލު ކުރުމަކީ ތަން ހިންގުމަށް އޭޅޭ ހުރަހެއް ކަމަށް ބުނެ އުޝާމް ވަނީ، ހިޔާގެ ވެރިއަކަށް ހުންނަ ފަރާތް އަހަރަކު ދެތިން ފަހަރަށް ބަދަލުވާ ކަން ފާހަގަ ކުރައްވާފައެވެ. އުޝާމް ވިދާޅުވީ، ސިޔާސީ މަގާމްތަކުގެ ތިބޭ ފަރާތްތަކާ މިތަން ހަވާލުކުރުމުގެ ބަދަލުގައި ކަންކުރަން އެނގޭ ޕްރޮފެޝަނަލް ބަޔަކާ ހަވާލުކުރުން މުހިންމު ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރުމުގެ ސަބަބުންނެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
ސީއީއޯގެ މަގާމުގައި ހުންނެވި ފަރާތް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވަނީ ކޮން މައްސަަލައަކާ ގުޅިގެން ކަން ޖެންޑާ އިން ހާމަކޮށްފައި ނުވާއިރު، އޭނާ މިނިސްޓްރީގެ މަސައްކަތްތަކަށް ނުކުންނަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހިޔާގެ ސީއީއޯ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާއިރު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކަމަށް ބުނާ ކުޑަ އަންހެން ކުއްޖަކު އެ ތަނުގައި އޭނާއަށް ކުރިމަތިވާ ފުރައްސާރަތައް ކިޔައިދޭ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެވީޑިއޯއިން އެ ކުއްޖާގެ މޫނެއް ނުފެނެއެވެ. އެ ވީޑިއޯގައި ކުއްޖާ ވަނީ އެ ތަނުގައި ކުދިން ބަލަހައްޓަން ތިބޭ މީހުންގެ ރުންކުރުކަމާއި އަޅާނުލާކަން ފާހަގަ ކޮށްފައެވެ. އަދި ރަނގަޅަށް ކާން ނުދޭ ކަމަށް ވެސް އެ ކުއްޖާ ބުނެއެވެ. އެކަމުގެ ޝަކުވާ ކުރިޔަސް އެއްވެސް އަޅާލުމެއް އަދި ފިޔަވަޅެއް ނާޅާ ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ.
ހިޔާގައި އުޅޭ ފިރިހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ބަސްތައް އަމާޒުވާ ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ. އަދި އެކަމާމެދު އެއްވެސް ފިޔަވަޅެއް ނާޅާ ކަަމަށް އެ ކުއްޖާ ބުނެއެވެ.
ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އެންމެ ރަނގަޅު އަޅާނުލުން ނުލިބޭ ކަމާއި އިހުމާލުވާ ކަމުގެ އަޑުތައް ކުރިން ވެސް ފެތުރެ އެވެ. ބައެއް ކުދިން އެ ތަނުން ފިލައިގެން ދާ މައްސަލަތައް ވެސް ފެންމަތިވެއެވެ.