ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި ނިންމުމަށް ޑިޕާޓަމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުރިހާ ކޯޓުތަކަށް އަންގައިފިއެވެ.

ޑީޖޭއޭ އިން މިއަދު ކޯޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލައެއް ކޯޓަށް ހުށަހެޅުމާއެކު 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކަށް އިސްކަން ދީގެން ކޯޓަށް ހުށަހެޅިފައިވާ އެހެން މައްސަލަތައް މެނޭޖުކުރުމަށެވެ.

އަދި އަވަސްކަމާއެކު ކުޑަކުދިންގެ މައްސަލަތައް ނިންމޭނެގޮތަކަށް ހަމަޖައްސަންޖެހޭ އިދާރީ އެންމެހައި އިންތިޒާމްތައް އެ މައްސަލަ ބަލަން ހަވާލުކުރެވޭ ފަނޑިޔާރުގެ މަޝްވަރާއާއެކު އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ހަމަޖައްސަން ވާނެ ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

މައްސަލައިގެ ދެފަރާތުން ހިއްސާކޮށް، އެ މައްސަލަ ހުށަހެޅުނު ތާރީހުން ފެށިގެން ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށްޓަކައި މައްސަލައިގެ ޝަރީއަތް ގަވާއިދުން ކުރިއަށް ގެންދަން ކޯޓުތަކަށް އަންގައިފައިވާކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. ހަމައެއާއެކު މައްސަލައިގެ ކޮންމެ އަޑުއެހުމެއްގައި ކުރިއަށްދާނީ ކޮން ކަމެއްކަން މައްސަލައިގެ ދެފަރާތަށް އެނގޭނެހެން އެކަމުގެ މައުލޫމާތު ކުރިއާލާ އެ ދެފަރާތަށް ހިއްސާކުރަން ޖެހެއެވެ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ މިދިޔަމަހުގެ ތަފާސްހިސާބުގެ މައުލޫމާތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑީޖޭއޭއަށް ފޮނުވަން ވެސް ކޯޓުތަކަށް އަންގައިފައިވެއެވެ.

ތަފާސް ހިސާބުތައް ފޮނުވާއިރު، އެ މައްސަލައެއް ހުށަހެޅުނު ތާރީހާއި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތާއި މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބުގެ އިތުރުން މައްސަލަ ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކެއް ހުރިނަމަ އެކަމުގެ މައުލޫމާތު ވެސް ހިމަނަން ވާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ޑިޖޭއޭއިން ބުނީ މިފަދަ އިންތިޒާމުތަކެއްގެ މަގުސަދަކީ، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާމެދު އަވަސްކަމާ ހަލުވިކަމާއެކު ނިހާއީ ހުކުމެއް ކުރެވިގެން ދިއުމާއި މުޅި މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތްކޮށް އަނިޔާ ލިބުނު ފަރާތާއި މައްސަލައިގައި ހިމެނޭ ހެކިވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުން ކަމަށެވެ. އަދި އަވަސްކަމާއެކު މައްސަލައަށް ހައްލެން ލިބިދިނުމުގެ އިތުރުން، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން ކަމަށްވެސް ބުނެއެވެ.

އެހެންކަމުން ކަމާގުޅުންހުރި އިދާރާތަކާއި، ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ބައިވެރިވުމާއި ޝާމިލުވުން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެދިނުމާއި އެފަދަ މައްސަލަތައް ހަލުވިކަމާއެކު ނިހާއީ ހުކުމެއް ލިބިގެންދާނެ ގޮތަށް ކޯޓުތަކުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުތަކަށް ވަނީ އަންގައިފައެވެ.

ޖޭއެސްސީން މީގެ ކުރިން ބުނެފައި ވަނީ "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން މައްސަލަތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް މައްސަލަ މެނޭޖުކޮށް، މައްސަލަތައް އަވަސް ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި އަވަސްކަމާ އެކު ހުކުމް ކުރެވޭނެ ގޮތަށް ކޯޓުތަކުން އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ކޯޓުތަކުގައި ހިނގާ ކުޑަކުދިންގެ މައްސަލަތައް ކުރިއަށް ގެންދިއުން އަވަސް ކުރުމަށް ނިންމާފައި ވާއިރު އެކަށީގެންވާ ސަބަބެއް ނެތި މައްސަލަތައް ލަސް ކުރާ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ.