ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދިއުމުން ފިލި ގައިދީ ހޯދާ، ކަރެކްޝަންސްއާ ހަވާލުކޮށްފިއެވެ.

އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ފިލައިގެން އުޅެނިކޮށް އޭނާ ހޯދާ، ހައްޔަރުކޮށްފައި ވަނީ މިއަދު 2:10 ހާއިރު ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އޭނާ ހައްޔަރުކޮށް ކަރެކްޝަންސްއާ ހަވާލުކޮށްފައި ވަނީ ފުލުހުންނެވެ.

އޭނާ ފިލާފައި ވަނީ އައިޖީއެމްއެޗަށް ޓެސްޓެއް ހެއްދުމަށް ގެންގޮސް، ސްޓޫލް ސާމްޕަލް ކަލެކްޓް ކުރުމަށް ގެންދިޔަ ގަޑީގައި ކަމަށް ކަރެކްޝަންސް އިން 'ދަ ޕްރެސް' އަށް މައުލޫމާތުދީފައިވެއެވެ. ކަރެކްޝަންސް އިން ބުނީ، އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 24 އަހަރުގެ އައިސަރު ނަސީމް މިއަދު ޑޮކްޓަރަށް ދެއްކުމަކށް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށް، ފިލާފައިވާކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

މަދުން ނަމަވެސް ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ފިލާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން، ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންނާ ގުޅިގެން ވަނީި މިދިޔަ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ ހިއްމަފުށީ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދާ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

މީގެ އިތުރުން، މިދިޔަ ޖުލައި މަހު 11 ވަނަ ދުވަހުގެ ރޭ ދަންވަރު މާފުށީ ޖަލުން ފިލި ގައިދީއެއް ކަނޑުމަތިން އަތުލައި އަނބުރާ ޖަލަށް ގެންގޮސްފައި ވެއެވެ. އެކަމާ ގުޅިގެން، އޭރުގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިލި ގައިދީ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރި މަސައްކަތުގައި ފުލުހުންނާއި، މަސްބާނަން ނުކުމެ އުޅުނު މާފުށީ ޒުވާނުންތަކެއް އެހީވި ކަމަށެވެ. ފިލި ގައިދީ ކަނޑުމަތިން ހޯދާފައިވާއިރު، އޭނާ ފިލައިގެން ދިޔައީ "ކަޔަކް" އެއްގައި ކަނޑު މަގުންނެވެ.