ދެ އަހަރުގެ ތުއްތު ކުއްޖަކަށް ކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވާ ގއ. ކަނޑުހުޅުދޫގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމާއި ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމަތު ދެމުން ޖެންޑާ މިނިސްޓްރީއިން ބުނީ، މިމަހުގެ 19 ވަނަ ދުވަހު ޖެންޑާ މިނިސްޓްރީގެ ޓީމެއް ގއ. ކަނޑުހުޅުދޫއަށް ފުރާފައިވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީއިން ބުނީ އެރަށުގައި އެމިނިސްޓްރީގެ ތިން މުވައްޒަފަކު ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ޓީމުގައި އެކުލެވެނީ ޗައިލްޑް ރައިޓްސްގެ ދާއިރާއަށް ހާއްސަ ބޭފުޅުން ކަމަށާއި، އެޓީމެ އެ ރަށުގައި ހަރަކާތްތެރިވާނީ ފަސް ދުވަހުގެ މުއްދަތަށް ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިޓީމުގެ މަސައްކަތަކީ ޖިންސީ އަނިޔާ ލިބިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުގެ ހާލަތު ވަޒަންކުރުމެވެ. އަދި އެޓީމުން އެރަށުގައި ހިނގައިފައިވާ ޖިންސީ ހާނިކައިގެ މައްސަލަތަކާ ގުޅޭ މައުލޫމާތު އެއްކޮށް ރަށުގެ ހާލަތު މޮނިޓާ ކުރެވޭނެކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މީހުން އުޅެނީ ރައްކާތެރި ހާލަތެއްގައިތޯ ނުވަތަ ނޫންތޯވެސް ބެލާނެކަމަށް ޖެންޑާއިން ބުނެއެވެ. އެގޮތުން އެރަށުގެ ގޭގެއަށް ވަކިން ޒިޔާރަތްކޮށް، މައުލޫމަތު އެއްކުރާނެކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ގއ. ކަނޑުހުޅުދޫއަށް ޖެންޑާ މިނިސްޓްރީގެ ޓީމް ކުރައްވާ ދަތުރު ނިންމާލުމަށްފަހު، ދެން ދަތުރު ކުރައްވާނީ ގއ. ވިލިގިއްޔަށް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. ކަނޑުހުޅުދޫގައި ތުއްތުކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެމައްސަލަ ފެންމަތިވުމާ ގުޅިގެން އެރަށުން އިތުރު އެފަދަ މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ކުއްޖާގެ ބައްޕަ ފަރާތު ކާފަ އަދި މުނިކާފަ ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ 2 މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މީގެ އިތުރުން އިހުމާލުގެ މައްސަލައެއްގައި ކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.