ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ފިލައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތުދެމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ، މިއަދު ބޭސްފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ފިލާފައި ވަނީ، އައިޖީއެމްއެޗަށް ޓެސްޓެއް ހެއްދުމަށް ގެންގޮސް، ސްޓޫލް ސާމްޕަލް ކަލެކްޓް ކުރުމަށް ގެންދިޔަ ގަޑީގައި ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ. ކަރެކްޝަންސް އިން ބުނީ، އޭނާއަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމަށެވެ.
މަދުން ނަމަވެސް ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ފިލާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން، ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންނާ ގުޅިގެން ވަނީި މިދިޔަ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ ހިއްމަފުށީ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދާ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
މީގެ އިތުރުން، މިދިޔަ ޖުލައި މަހު 11 ވަނަ ދުވަހުގެ ރޭ ދަންވަރު މާފުށީ ޖަލުން ފިލި ގައިދީއެއް ކަނޑުމަތިން އަތުލައި އަނބުރާ ޖަލަށް ގެންގޮސްފައި ވެއެވެ. އެކަމާ ގުޅިގެން، އޭރުގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިލި ގައިދީ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރި މަސައްކަތުގައި ފުލުހުންނާއި، މަސްބާނަން ނުކުމެ އުޅުނު މާފުށީ ޒުވާނުންތަކެއް އެހީވި ކަމަށެވެ. ފިލި ގައިދީ ކަނޑުމަތިން ހޯދާފައިވާއިރު، އޭނާ ފިލައިގެން ދިޔައީ "ކަޔަކް" އެއްގައި ކަނޑު މަގުންނެވެ.