ޖިންސީ ގޯނާ ކޮށް ބްލެކްމެއިލް ކުރުމާއެކު 14 އަހަރުގެ ކުއްޖަކު ރޭޕްކޮށްފިއެވެ. ފުލުހުން ބުނީ މިކަން ހިނގީ މާލޭގައި ކަމަށާ އެކަމުގެ ތުހުމަތު ވާ މީހާ މިރޭ ހައްޔަރު ކޮށްފައި ވާކަމަށެވެ.
ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ނުކޮށް ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަހުގީގް ކުރަމުން ދާ ކަމަށެވެ.
14 އަހަރުގެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރު ކޮށްފައި ވާއިރު، އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާ ބެހުމުގެ ތުހުމަތުގައި އުމުރުން 76 އަހަރުގެ ފިރިހެނަކުވެސް ވަނީ ކުރިން ހައްޔަރު ކޮށްފައެވެ.
ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލާގައި އޭނާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު ކުއްޖާގެ ބައްޕަ ވަނީ އިހުމާލުވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައެވެ.
މީގެ އިތުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 80 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 56 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައި ވުމުގެ އިތުރުން، 15 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނި ކުރުމުގެ ތުހުމަތުގައި އިއްޔެވެސް މީހަކު ހައްޔަރު ކުރިއެވެ. އަދި 3 އަަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެންވެސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.