ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަވަސްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސް މެޖިސްޓްރޭޓުންނާ މަޝްވަރާކޮށްފިއެވެ.

ޖޭއެސްސީން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ބެހޭގޮތުން 20 ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުންްނާ އެކު ބައްދަލުކޮށް، އެމައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައި ވާ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި މައްސަލަތައް ލަސްވާ ސަބަބުތައް އިސް މެޖިސްޓްރޭޓުން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ސަބަބުތަކުގެ ތެރޭގައި ކޯޓުތަކުގައި ޖާގައާއި މުވައްޒަފުންގެ ދަތިކަން ހުރުމާއި، ގާއިމްވެ ތިބޭ މެޖިސްޓްރޭޓުން ނެތުމާއި، ދިފާއީ ވަކީލުންނަށް ކޯޓަށް ހާޒިރުވާން ދަތިވުމާއި، ތުހުމަތު ކުރެވޭ ފަރާތާއި ހެކިން ކޯޓަށް ހާޒިރު ކުރަން ދަތިވުން ހިމެނޭ ކަމަށް ޖޭއެސްސީއިން ބުނެއެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން މައްސަލަތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް މައްސަލަ މެނޭޖުކޮށް، މައްސަލަތައް އަވަސް ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، އަވަސްކަމާ އެކު ހުކުމް ކުރެވޭނެ ގޮތަށް ކޯޓުތަކުން އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ކޯޓުތަކުގައި ހިނގާ ކުޑަކުދިންގެ މައްސަލަތަށް ކުރިއަށް ގެންދިއުން އަވަސް ކުރުމަށް ނިންމާފައި ވާއިރު އެކަށީގެންވާ ސަބަބެއް ނެތި މައްސަލަތައް ލަސް ކުރާ ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމާފައިވަނީ އިއްޔެއެވެ.

ތިން ކޯޓަކަށް ފަނޑިޔާރުން ހުވާ ކުރުމަށް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ޖޭއެސްސީއަށް ރައީސް ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ އެ ކޮމިޝަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅަނީ މައްސަލަތައް ލަސްވެގެން ކަމަށެވެ. އަދި މިހާތަނަށް 200 އަށްވުރެ ގިނަ ޝަކުވާ އެކޮމިޝަނަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައް އާދައާ ހިލާފަށް ލަސްވެގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މަސްތޫރު މިގޮތަށް ވިދާޅުވެފައި ވާއިރު، 2 އަހަރުގެ ކުއްޖާގެ މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާކަމަށް ފާހަގަކޮށްފައި ވަނިކޮށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސް ކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު މަޖިލީހަށް ފޮނުވުމަށް ވަނީ އަންގާފައެވެ.