ބްލައިންޑު އެސޯސިއޭޝަންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މިމަހުގެ 26 ވަނަ ދުވަހަކީ އެ ޖަމިއްޔާގެ ދިހަ ވަނަ އަހަރީ ދުވަހެވެ. "ދަ ޕްރެސް" އާއި ވާހަ ދައްކަވަމުން ޖަމިއްޔާގެ މީޑިއާ އޮފިސަރު އަބްދުﷲ ޒިޔާއު ބުނީ، އެ ޖަމިއްޔާގެ އަހަރީ ދުވަހާއި ގުޅިގެން ލޭ ހަދީޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއްގެ އިތުރުން ދަރުހެއްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ހިންގާނީ މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ކަމަށާއި، އަދި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަހުގައި ކަމަށް ޒިޔާއު ބުނެއެވެ.

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 17:00 އަށް މޯލްޑިވްސް ބްލަޑް ސާވިސްގައި ކަމަށާއި، އެ ހަރަކާތަކީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ، ލޭ ހަދިޔާ ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް އެ ފުރުސަތުވަނީ ހުޅުވާލާފައިކަމަށް ޒިޔާއު ބުނެއެވެ.

މީގެ އިތުރަށް ޒިޔާއު ބުނީ ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ކަމަށެވެ. އެ ދަރުހުގެ މައުޟޫއަކީ، އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ދެވޭ ދަރުހެކެވެ. ދަރުސް ދެއްވާނީ އައްޝެއިހް ނިމާލް މުހައްމަދެވެ.

ލޯފަން ކުދިން ބައިވެރިވެގެން އުފައްދާފައިވާ ޖަމިއްޔާގައި 127 މެންބަރުން ތިބެއެވެ. އެ ޖަމިއްޔާއިން ކުރާ މައިގަނޑު ކަންތައްތަކަކީ، ލޯފަން ކުދިންގެ ހުނަރު އިތުރުކުރުމާއި ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ކޮށްދެވޭނެ ކަންކަން ކޮށް ދިނުން ކަމަށް ޒިޔާއު ބުނެއެވެ. މިއަހަރަށްވެސް އެ ޖަމިއްޔާއިން ވަނީ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މަތީ ގްރޭޑްތަކުގެ ކުދިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން މުޖުތަމައު ހޭލުންތެރި ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.