4 މީހުންނާއެކު ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، 4 މީހުންނާއެކު ދަތުރުކުރި އުޅަނދެއް ކ. އިތާފުށި ކައިރިއަށް އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށާފައި ވަނީ މިއަދު 10:25 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މި ދޯންޏަކީ 40 ފޫޓުގެ ކުޑަ ދޯންޏެއް ކަމަށެވެ. އަދި ދޯނީގައި ތިބި މީހުން ކަނޑުވެފައި ތިއްބާ، އެ ސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން އެމީހުން ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި ހިމެނޭ "އަޒުމް" ނަމަކަށް ކިޔާ ދޯނިން ދަތުރުކުރި 4 މީހުން ކަނޑުވެފައި ވަނިކޮށް އެސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ނަގާފައި ވަނީ މިއަދު މެންދުރު 12:00 ހާއިރެވެ.

މިއަދު ދޯންޏެއް ބަންޑުން ޖަހާލާފައިވާއިރު މިދިޔަ އާދިއްތަ ދުވަހު، މ.އަތޮޅު މެދުުފުށި ރިސޯޓު ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވާ ފެނިފައިވެއެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މެދުފުށި ރިސޯޓް ފުއްޓަރު ފަރާތު ބޭރުގައި ބޯޓެއްހެން ހީވާ އެއްޗެއް ބަންޑުން ޖަހާފައި އޮތް ކަމުގެ މައުލޫމަތު ލިބިފައިވަނީ އެދުވަހު މެންދުރު 13:00 ހާއިރު ކަމަށެވެ.