އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކް ފުޅިތައް ދޫކޮށް ނުލާނެ ކަމަށާ، އެހެނީ ކަސްޓަމަރުން އަދިވެސް ބޭނުންވަނީ އެ ޒާތުގެ ޕެކޭޖިންގް ކަމަށް، އިތުރު ތައާރަފަކަށް ބޭނުން ނުވާ ކޮކާ-ކޯލާ ކުންފުނިން ބުނެފިއެވެ.

ކޮކާ-ކޯލާ ކުންފުނީގެ ހެޑް އޮފް ސަސްޓެއިނަބިލިޓީ ބީއާ ޕެރޭޒް ބުނީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޒާތުގެ ޕްލާސްޓިކް ފުޅީގައި ބުއިންތައް ޕެކޭޖުކޮށްފައި ބެހެއްޓުމަށް ކަސްޓަމަރުން ހިޔާރު ކުރަނީ އެއީ އެތިކޮޅެއް ބޯލުމަށްފަހު ފަސޭހަ ކަމާއެކު އަލުން ބަންދުކޮށްލެވޭ ފުޅިތަކަކަށް ވެފައި، ހިފާ ގެންގުޅެންވެސް ފަސޭހަ، މާ ބަރު ނޫން ފުޅިތަކަކަށް ވުމުން ކަމަށެވެ.

ބޭނުންކުރުމަށްފަހު އުކާލާފައިވާ ކޮކާ-ކޯލާ ހުސްކުރި ޕްލާސްޓިކް ފުޅިތަކެއް/ފޮޓޯ: ފްލިކާ

ކޮކާ-ކޯލާ ކުންފުންޏަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާ އެއް ކުންފުންޏެވެ. ނަމަވެސް އެކުންފުނިން ވަނީ 2030 ވަނަ އަހަރު އަންނައިރު، ޕްލާސްޓިކް ރީސައިކަލްކޮށް، އަލުން ބޭނުންކުރާ މިންވަރު އިތުރު ކުރާނެ ކަމަށް ވައުދުވެފައެވެ. އެގޮތުން 50 ޕަސެންޓް ޕްލާސްޓިކްއަކީ ރީސައިކަލްކުރާ ޕްލާސްޓިކް ކަމުގައި ހެދުމަށް ކޮކާ-ކޯލާ ކުންފުނިންވަނީ ވައުދުވެފައެވެ.

ކަންމިހެން އޮތް ނަމަވެސް، ކޮކާ-ކޯލާ ހުސްކުރާ ފުޅިތައް އަދިވެސް ފެންނަނީ ކުނިގޮނޑުތަކުން ކަމަށް ބުނެ، ތިމާވެށީގެ ދިފާއުގައި ތެދުވާ އެކްޓިވުސްޓުން ދަނީ ކޮކާ-ކޯލާ ކުންފުންޏާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކޮކާ-ކޯލާ ކުންފުނީގެ އުފެއްދުންތެރިކަމަށް ބަލާއިރު އެކުންފުނީގެ ޕްލާސްޓިކް-ޕެކޭޖިންގްގެ ބަރުދަނުގައި 3 މިލިއަން ޓަނު ހުރެއެވެ. އެއީ މިނެޓަކަށް ބަލާއިރު 200000 ޕްލާސްޓިކް ފުޅިއެވެ.

ޑާވޯސްގައި ކުރިއަށްދާ ވާލްޑް އިކޮނޮމިކް ފޯރަމް ސަމިޓްގައި ވާހަކަދައްކަމުން ބިއާ ޕެރޭޒް ބުނީ، މިކަމުގެ ހައްލަކަށް ކޮކާ-ކޯލާ ކުންފުނި ވާންވީ ވަގުތު އައިސް ޖެހިފައިވާކަމަށް އެކުންފުނިންވެސް މިހާރު ގަބޫލުކުރާ ކަމަށެވެ.