ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރު ފަހުކޮޅުން ފެށިގެން ނޫސްތަކުގެ ސުރުހީންނާއި، އާންމުންގެ ތެރޭގައި އަދި މުއައްސަސާތަކުން ދައްކަމުން ދިޔަ ހަރުކަށި ފިކުރުގެ ވާހަކަތައް ކުޑަ މެދު ކެނޑުމަކަށް ފަހު މިވަނީ އަނބުރާ ސުރުހީތަކުން ޖާގަ ހޯދާފައެވެ. މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކުން މި ފިކުރު ފަތުރަން އުޅުނު ބަޔަކު ހައްޔަރުކޮށް، ސަލާމަތީ ބާރުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދަނިކޮށް މިފަހަރު މި މައްސަލަ ފެންމަތިވެގެން މިއައީ ދެކުނުންނެވެ.
ރާއްޖޭގެ އެންމެ ދެކުނުން ދެވަނަ އަށް އޮންނަ ޏ. ފުވައްމުލަކުން މިދިޔަ އާދިއްތަ ދުވަހު، ހަރުކަށި ފިކުރަށް ތަބާވާ މީހަކު ހައްޔަރު ކޮށްފައި ވާއިރު، އޭނާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހެއް ކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވެސް އޭނާއަކީ، ޖިންސީ ގޮތުން އެކި އެކި ފުރައްސާރަ ކުރުމުގެ ރިކޯޑް އޮތް މީހެއް ކަމަށް ފުލުހުންގެ ފަރާތުން ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރި ކުރަމުންދާ އުމުރުން 39 އަހަރުގެ މި މީހާއަކީ ފުވައްމުލަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށާއި، ނަމަވެސް އޭނާ ދިރިއުޅެމުން ދަނީ އެރަށުގައި ކަން 'ދަ ޕްރެސް' އަށް އެނގިފައި ވެއެވެ. އެ ރަށުން މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުން މި ފިރިހެން މީހާއާއި އޭނާ 'ކައިވެނި' ކޮށްގެން ކަމަށް ބުނާ 15 އަހަރުގެ ކުއްޖާއާއި އޭނާގެ ކުޑަ އަންހެން ކޮއްކޮގެ އިތުރުން އެ ކުދިންގެ މަންމަ އަކީ އާދަޔާ ހިލާފަށް ފައިސާ ގެންގުޅޭ ބައެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި މި މީހުން ކުރަމުން ދަނީ އެމީހުން ގެންގުޅޭ ކާރެއްގަވެ. އަދި މިކަމުން ކޮންމެ ދުވަހަކު އެތައް ހާސް ރުފިޔާއެއް އެމީހުންނަށް ލިބޭއިރު، ކުޑަ އަންހެން ކުއްޖާގެ މަންމަ ވަރަށް ގިނައިން އޭޓީއެމަށް ލާރި ޖަމާކުރަންދާ ތަން ރަށު މީހުންނަށް ވަނީ ފެނިފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ދަނީ ނަކަލުކޮށްފައިވާ ފައިސާގެ ނޫޓު އޭޓީއެމަށް ޖަމާކުރުމަށެވެ. ނަމަވެސް ނަކަލުކޮށްފައިވާ ފައިސާގެ މައްސަލައެއް އެރަށުގައި ފެންމަތިވެފައި ނުވާއިރު، މިކަމާ މެދު ސުވާލު އުފެދެއެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ މޭޔަރު ފަލާހް ޝަރީފް ވިދާޅުވީ، ފުވައްމުލަކުގައި މިފަދަ މައްސަލައެއް އުޅޭ ކަން ފުލުހުން ކައުންސިލާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރި ކަން އެނގިވަޑައިގެންފައި ވާ ކަމަށާއި، ހަރުކަށި ފިކުރާ ބެހޭ އެއްވެސް މައްސަލައެއް ފުވައްމުލަކުގައި ފެންމަތިވެފައިވާ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކުން ހައްޔަރު ކުރި ފިރިހެން މީހާގެ ފިހާރައެއް މާލޭގައި ހުންނަކަމަށް ބުނާ އިރު، ކޮންމެ އަހަރަކު މި ފިހާރައަށް މުދާ ގަތުމަށް 15 އަހަރުގެ ކުއްޖާއާއި އެކުއްޖާގެ މަންމަ ފޮނުވާ ކަމަށްވެއެވެ. އަދި މި ދެމައިން ބެންކޮކަށް ދާ ދަތުރު، އަނބުރާ ރާއްޖެ އަންނަނީ މަސްތުވާތަކެތި ހިފައިގެން ކަމަށް ވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ. އަދި އަހަރެއްގެ ތެރޭގައި އެކި ތަންތަނަށް މިފަދަ ދަތުރުތައް އެމީހުން ކުރާއިރު، ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރަނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ މީހުން ދިރިއުޅޭ ގޭގެ ފުރަގަހުން ވީޑް ގަސްތަކެއްވެސް ފެނިފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަމާގުޅުން ހުރި އެއްވެސް މުއައްސަސާއަކުން އިތުބާރު ހުރި މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި މައްސަލާގައި ހިމެނޭ ފިރިހެން މީހާއަކީ، 2013 ވަނަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރި ކުރަނިކޮށް ހައްޔަރުވެސް ކޮށްފައިވާ މީހެއްކަން ވަނީ އެނގިފައެވެ. އަދި އޭރު ހައްޔަރުކޮށް، އޭނާ އުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވާއިރު، އޭނާ އުމުރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްވެސް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ 2018 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލު ކޮށްފައެވެ.
މަސްތުވަތަކެއްޗާއި، ޖިންސީ ފުރައްސާރައިގެ އެތައް ރިކޯޑެއް އޭނާގެ އޮތް އިރު، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު އޭނާ ހައްޔަރުކުރީ، ގާނޫނާ ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާ 'ކައިވެނި' ކޮށްގެން ކަމަށް ބުނެ، އެ ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރި މައްސަލައެއްގައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެރަށު ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ފިރިހެން މީހާ 15 އަހަރުގެ އަންހެން ކުއްޖާއާ ކައިވެނިކޮށްގެން ކަމަށް ބުނެ ގެންގުޅޭތާ މިހާރު ވަނީ 5 އަހަރު ވެފައެވެ. އަދި އެ ކަން ކުރަނީ ވަރަށް 'ވަގަށް' ކަމަށް އެރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ. އަންހެން ކުއްޖާއާ އޭނާގެ އާއިލާއަށް ބޭނުންވާ ހުރިހާ ހަރަދެއް ފިރިހެން މީހާ ކުރާއިރު، އޭނާ ވަނީ މި އަންހެން ކުއްޖާއާއި، އެ ކުއްޖާގެ މަންމަ އަދި ކޮއްކޮ ލައްވައި ހަށި ވިއްކުމުގެ ވިޔަފާރި ކުރުވާފައި ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ހަށިވިއްކުވުމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކޮށްފައި ވާއިރު، މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އެފަދަ މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށާއި، މައުލޫމާތު ހިއްސާ ކުރެވެން ހުރި މިންވަރަކުން ކުރަމުން ގެންދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 35 އަހަރުގެ އަންހެނަކާއި 39 އަހަރުގެ ފިރިހެން ހައްޔަރު ކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން 15 އަހަރުގެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ދަރިފުޅާމެދު އިހުމާލުވެފައިވާ މައްސަލައެއްގައެވެ. އަދި މިހާރު އެ ދެ ކުދިން ވެސް ތިބީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބިފައި ވާއިރު، މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.