ފުވައްމުލައް ސިޓީގައި ކޯޓުން ބޭރުގައިި 15 އަހަރުގެ ކުއްޖަކާ ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެރަށު ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ފިރިހެން މީހާ 15 އަހަރުގެ އަންހެން ކުއްޖާއާ ކައިވެނިކޮށްގެން ކަމަށް ބުނެ ގެންގުޅޭތާ މިހާރު ވަނީ 5 އަހަރު ވެފައެވެ. އަދި އެ ކަން ކުރަނީ ވަރަށް 'ވަގަށް' ކަމަށް އެރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހަރުކަށި ފިކުރު ގެންގުޅެ، ގަނޫނާ ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނި ކޮށްގެން ކަމަށް ބުނެ، އޭނާއާ މެދު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި، މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު ފަހު ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ދިވެހި ފިރިހެނަކު ފުވައްމުލަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މީހާއަކީ، މީގެ ކުރިން ވެސް 18 އަހަރުން ދަށުގެ އަންހެން ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ، (35 އަހަރު) ވެސް ވަނީ، އޭނާގެ ދަރިފުޅާމެދު އިހުމާލުވެފައިވާ މައްސަލައެއްގައި މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ފުވައްމުލަކުން 'ދަޕްރެސް' އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނީ، މި ފިރިހެން މީހާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާވެސް މީހެއް ކަމަށެވެ. އަދި މި ފިރިހެން މީހާގެ ފިހާރައެއް މާލޭގައި ހުންނަ ކަމަށާއި، ކޮންމެ އަހަރަކު މި ފިހާރައަށް މުދާ ގަތުމަށް 15 އަހަރުގެ ކުއްޖާއާއި އެކުއްޖާގެ މަންމަ ފޮނުވާ ކަމަށެވެ. އަދި މި ދެމައިން ބެންކޮކަށް ދާ ދަތުރު އަނބުރާ ރާއްޖެ އަންނަނީ މަސްތުވާތަކެތި ހިފައިގެން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ނަމަވެސް މިކަމާ ބެހޭ މައުލޫމަތެއް ކަމާބެހޭ މުއައްސަސާތަކުން އަދި ސާފެއް ނުވެއެވެ.

ފުވައްމުލަކުގައި މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ރ. މަޑުއްވަރީން ވެސް ވަނީ މިފަދަ މައްސަލަތަކެއް ފެންމަތިވެފައެވެ. އެގޮތުން، މަޑުއްވަރީގައިި 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން، ބަޑުބޮޑުވެ، އެ ކުއްޖާ ވިހާފައިވާ ކަމުގެ މައްސަލައެއް ހިމެނެއެވެ. މި މައްސަލާގައި 13 އަހަރު ކުއްޖާއާ ކޯޓުން ބޭރުގައި ކައިވެނި ކުރި 26 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އއ. މާޅޮހުން ބައެއް ދަރިން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ 45 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.