ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ" ގެ މައްސަލައިގައި އަންނަ ހޯމަ ދުވަހު ސިވިލް ކޯޓުގައި އަޑުއެހުމެއް ބާއްވަން މިއަދު ތާވަލުކޮށްފިއެވެ.

މި މައްސަލައަކީ ތިލަ ފުށީ ފަޅުގައި އޮތް ބޯޓު ނަގަން ހަވާލުކުރި ޕާކްވަން އިންވެސްޓްމަންޓުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާ ދެކޮޅަށް 708،511 ޑޮލަރުގެ ބަދަލެއް ހޯދުމަށް ދައުވާ ކުރާ މައްސަލައެވެ.

ބޯޓުގެ މައްސަލައިގައި މިއަދު ސިވިލް ކޯޓުގައި އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ޖީއެމްއައިޒެޑްގެ ފަރާތުން ހާޒިރުވި ވަކީލުގެ އެސިސްޓެންޓް ވަނީ މި މައްސަލާގައި މުހިންމު ޖީއެމްއައިޒެޑްގެ ބޯޑު ރިޒޮލޫޝަނެއް ނުލާ ހާޒިރުވެފައެވެ. ބޯޑު ރިސޮލޫޝަން ނުލައި ދެވުމުން އިތުރަށް ދިރާސާ ކުރުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ތައްޔާރު ވާން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވައި އެދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފައެވެ.

"އެމްވީ ސީ ހޯމް ސެފަޔާ" އަކީ ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓެކެވެ. މިއީ އެ ފަޅުގައި އަޅަފައި އޮތް ބޯޓަކަސް ވެރިއަކު ނެތް ބޯޓެކެވެ. މި ބޯޓު ނައްތާލުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ކުންފުންޏަކާ ހަވާލު ކުރި މައްސަލަަ އަންނަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ވަނީ މި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޖީއެމްއައިިޒެޑްއެލުން ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާއި ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ދީފައިވާ ލަފާތަކާ މުޅިން ހިލާފަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުންޏާ ބޯޓު ނަގަން ހަވާލު ކުރި އިރު އެ ކުންފުނި ރަޖިސްޓްރީ ކުރިތާ ވީ 1 ދުވަސްކަން ވަނީ އެނގިފައެވެ. އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީއެވެ.

މި ބޯޓުގެ މައްސަލަ ބޮޑުވެފައިވާއިރު އޮޑިޓާ ޖެނެރަލް (އޭޖީ) އޮފީހުން އަންނަނީ އެ ކުންފުނީގެ އޮޑިޓެއްވެސް ހަދަމުންނެވެ.

ޕާކްވަންއާ އެކު ޖީއެމްއައިޒެޑްއެލްއިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމައެވެ. އެއީ، ގްރޭޓަ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅެނީ 708،511 ޑޮލަރެއެވެ. މި ފައިސާ ދައްކަން ގްރޭޓާ މާލެއަށް އެންގީ ފަސް ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގައި ފައިސާ ނުދިނުމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލަ ދަނީ ކޯޓުން ބަލަމުންނެވެ.