ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަބްދުﷲ މުނާޒު ވަކިކޮށްފިއެވެ.

މުނާޒް މަގާމުން ވަކިކޮށް، އެ މަގާމަށް މުނާޒުގެ ބަދަލުގައި ހަމަޖައްސާފައި ވަނީ، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި ހުންނެވި، އަހުމަދު މުހައްމަދު ފުޅެވެ. މި ބަދަލު ގެނެސްފައިވާ ކަން ރައީސް އޮފީހުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ.

ރައީސް އޮފީހުގެ އޮފިޝަލަކި 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕްރިޒަންސް ކޮމިޝަނަރުގެ މަގާމަށް މި ބަދަލު ގެނައީ ކޮން ސަބަބަކާ ހުރެ ކަން އަދި ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް، މިއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ހިންގުން ހަރުދަނާ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވޭ ކަމަށެވެ.

ޕްރިޒަންސް ކޮމިޝަނަރުގެ މަގާމުން މުނާޒް ވަކިކޮށްފައި މިވަނީ، ދާދިފަހުން ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މުނާޒަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި، ޖަލުގައި ހިނގާ ބައެއް ކަންތައްތައް މުނާޒް ފޮރުވަން އުޅޭ ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާފައިވާ ކަމުގެ ތުހުމަތުތައް ވެސް މުނާޒަށް ވަނީ ކޮށްފައެވެ.