އާ ސީޕްލޭން ޓާމިނަލްގެ އޮޑިޓް ރިޕޯޓު ނުބައި ކަމަށާއި ސީޕްލޭން ޓާމިނަލް މެނޭޖްކޮށްގެން ލިބޭނެ އާމްދަނީގެ އަދަދު އޮތީ 8 ގުނަ އިތުރުކޮށްފައި ކަމަށް ޓީއެމްއޭއިން ބުނެފިއެވެ.
ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ވާގޮތުން އާ ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ސީދާ މެނޭޖްކޮށްގެން އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް 47.3 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ނަމަވެސް ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދަކީ ނުބައި އަދަދެއް ކަމަށާއި އެ އަދަދަކީ އެ ކުންފުނީގެ ހިސާބުތަކުން ދައްކާގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދަށް ވުރެ 8 ގުނަ އިތުރު އަދަދެއް ކަމަށް ޓީއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން ޓީއެމްއޭ އިން ބުނީ، މީޑިއާގައި އާ ސީޕްލޭން ޓާމިނަލުން ލިބޭނެކަމަށް ރިޕޯޓުކޮށްފައިވާ 47.3 މިލިއަން ޑޮލަރުގެ ހަބަރުތަކުގެ ސަބަބުން އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދަނީ އާ ޓާމިނަލުން ޓީއެމްއޭއަށް ބޭނުންވާ ޖާގައަށް އެމްއޭސީއެލާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލަމުން ކަމަށެވެ. އަދި މިކަން މިހެން ވެއްޖެ ނަމަ ޓީއެމްއޭގެ އޮޕަރޭޝަންސްއަށް ބުރޫ އަރާ ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް އެފަރާތުން ބުނެއެވެ.
ހަމައެއާއެކު އާ ޓާމިނަލަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު އިންވެސްމަންޓެއް ކުރުމަށްފަހު މިވަގުތު ޓީއެމްއޭ ބޭނުންކުރާ އިމާރާތްތަކާއި ލައުންޖުތައް ދޫކޮށްލަން މަޖުބޫރުވެފައިވާ ކަން އެފަރާތުން ފާހަގަކުރެއެވެ، އެ އިމާރާތްތަކަކީ 18 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްމަންޓެއް ކަމަށްވެސް ޓީއެމްއޭ އިން ބުނެއެވެ.
ޓީއެމްއޭ އިން ބުނީ، އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން މީޑީއާގައި ދެކެވެމުންދާ ބައެއް ނުރަނގަޅު މައުލޫމާތު އެ ކުންފުނިން އޮޅުން ފިލުވައިދޭން ބޭނުންވާ ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައި ޗަންޕާ ހަސަން އަފީފަކީ ޓީއެމްއޭގެ ހިއްސާދާރެއް ކަމަށް އޮތް އޮތުމަކީވެސް ކުށެއް ކަމަށާއި ހަސަން އަފީފަކީ މިހާރު ޓީއެމްއޭގެ ހިއްސާދާރެއް ނޫން ކަމަށްވެސް އެފަރާތުން ބުނެއެވެ.
އެމްއޭސީއެލްގެ ބޯޑުގެ ބައެއް މެންބަރުންގެ މެދުގައި، އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ މެދު ގެންގުޅޭ ވިސްނުމާ ގުޅޭ ގޮތުން އެކުންފުނިން ބުނެފައި ވަނީ ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް (ޓީއެމްއޭއަށް) ދޭން ނޫޅޭ ކަމަށެވެ. އެމްއޭސީއެލް އިން އޮޕަރޭޓަރުންނަށް ދީގެން ޓާމިނަލް ހިންގާ ނަމަ އެތަނުގެ އެންމެ ބޮޑު މަންފާއެއް ލިބޭނީ، އެތާގެ ޖާގައިގެ ގާތްގަޑަކަށް 70 ޕަސެންޓް ލިބޭނެ ކަމަށް ބެލެވޭ ޓީއެމްއޭ އަށެވެ. ޓީއެމްއޭ އަށް ސީޕްލޭން އޮޕަރޭޓް ކޮށްގެން މިހާރު ވެސް ގާތްގަޑަކަށް 80 މިލިއަން ޑޮލަރު (EBITDA) ނުވަތަ 1233 މިލިޔަން ނުވަތަ 1.23 ބިލިޔަން ރުފިޔާ ލިބޭ ކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފައި ވެއެވެ.
އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލަކީ 26 މިލިއަން ޑޮލަރު ހަރަދުކުރެވިގެން އިމާރާތްކުރެވޭ ތަނެއް ކަމުގައި އެމްއޭސީއެލުން ވަނީ ބުނެފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވޭނެ ކަމަށް އެމްއޭސީލުން ބުނާ އާ ސީޕްލޭން ޓާމިނަލަކީ 28،000 އަކަ މީޓަރުގެ ސީޕްލޭން ޓާމިނަލެއް ކަމަށާއި، 1 ފަންގިފިލާގެ 120 އަކަމީޓަރުގެ ވީއައިޕީ އިމާރާތެއް ހިމެނޭ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
ޓީއެމްއޭއިން ނެރޭބަޔާނަކީތެދު އެނޫންބަޔާންތަކަކީ ދޮގު މިހާރުސާފުވެއްޖެ