އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެމްޓީސީސީގެ ސީއީއޯ ކަމުގެ މަގާމަށް ބަދަލު ކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވާކަން، ޝާހު ވަނީ 'ދަ ޕްރެސް' އާށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ މި ބަދަލު ގެނެސްފައި ވަނީ، މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، މިއަދުން ފެށިގެން އޭނާ އެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބަދަލުކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިނުލައްވާ ކަމަށެވެ. އާޒިމް ވިދާޅުވީ، އެއީ ދެ ކުންފުންޏަށް ވެސް ރަނގަޅަށް ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ކަމަށް ހަމަޖެއްސި އާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ އެމްޑީކަން ވެސް ކުރައްވާފައެވެ. އަދި އޭނާ އަކީ އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީގެ އެކި ފެންވަރުގެ މަގާމުތައް ގިނަ ދުވަސް ވަންދެން ފުރުއްވި ބޭފުޅެކެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް ހަމަޖެއްސި ޝާހު ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަން ކަމުގެ މަގާމު އަދާކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.