ނ. ވެލިދޫ ކުނި ކޮށީގައި ރޭ ދަންވަރު ރޯވި އަލިފާން ރޯވެ، އަނދައިފިއެވެ.

ފުލުހުން ބުނީ ވެލިދޫ ކުނި ކޮށީގައި އަލިފާން ރޯވެފައި ވާކަމަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ދަންވަރު 2:15 ހާއިރު ކަމަށެވެ. ފުލުހުންނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވެލިދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޖައުފަރު ވިދާޅުވީ ކުނިކޮށީގެ އެއްވެސް މުދަލަކަށާއި ތަނަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެސަރަހައްދުގައި ހުރި ގަސްތައް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އެއްކޮށް ނިއްވާލެވިފައި ނުވާ ކަމަށާއި ދޭތެރެ ދޭތެރެއިން އަލިފާން ގަދަވާ ކަމަށެވެ. ނަމަވެސް މިހާރުވެސް އެތަން ނިއްވާލުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖައުފަރު އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ކުނިކޮށީގައި ރޯކޮށްލާފައިވާ ކަމަށާއި އެކަމަކީ ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަން ފުލުހުންވެސް ބަލަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ.