އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު އެކުލަވާފައިވާ ތާރީހީ އެއްބަސްވުމާ އީރާނުން ހިލާފުވަމުންދާކަމަށް ބުނާ ތުހުމަތުތަކުގެ ވާހަކަ، ވިލާތުގެ ގައުމުތަކުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިނަމަ، އީރާނުން ސޮއިކޮށްފައިވާ ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާ ކުރާ އެއްބަސްވުން (އެންޕީޓީ) އިން އެގައުމު ވަކިވާނެ ކަމުގެ އިންޒާރު، އީރާނުން ދީފިއެވެ.

މިކަމުގެ އިންޒާރު ދެއްވާ ވާހަކަދައްކަވަމުން، އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ، އެންޕީޓީއިން އީރާނު ވަކިވުމުގެކުރިންވެސް އެގައުމުން ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާކަމަށެވެ. ނަމަވެސް މިކަމާބެހޭ އިތުރު އެއްވެސް ތަފްސީލެއް، ޒަރީފު ދެއްވާފައެއް ނުވެއެވެ.

1968 ވަނަ އަހަރު އެކުލަވާލި އެންޕީޓީގައި 190 ގައުމުން ބައިވެރިވެފައިވާއިރު، މި މުއާހަދާ ތަންފީޒު ކުރަން ފަށާފައިވަނީ 1970 ވަނަ އަހަރުއެވެ. އެންޕީޓީއަކީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ފިޔަވާ އެހެން ހުރިހާ ގައުމަކުން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުން މަނާކުރާ އެއްބަސްވުމެކެވެ. އޭގެ ބަދަލުގައި، ހަކަތައިގެ ގޮތުގައި ބޭނުން ކުރުމަށް ނިއުކްލިއާ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު، ސޮއިކުރި އެހެން ގައުމުތަކަށް ލިއްބައިދެއެވެ. ނަމަވެސް އެ މަޝްރޫއުތައް ހިންގެނީވެސް އދގެ ބެލުމުގެ ދަށުންނެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަތަކާ ގުޅިގެން 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވިފަހުން މަސްރަހު ހޫނުވެފައިވާއިރު، ސުލްހައިގެ އިމުގެ ތެރެއިން މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމުގެ ދޮރު އަދި ބަންދު ނުވާކަމަށް އީރާނު ހާރިޖިއްޔާގެ ތަރުޖަމާނު ސައްޔިތު ޢައްބާސް މޫސާވީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއާއިއެކު މަޝްވަރާތަކެއް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.