ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުންތަކެއް އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާ އަނބުރާ ގައުމަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޯވޭގެ ވަޒީރުންގެ މަޖިލީހުން ނިންމުމާއެކު، މަގާމުން އިސްތިއުފާ ދެއްވާ، ސަރުކާރު ހިންގުމުގެ ބާރުން އޭނާގެ ކަނާތު ފިޔައިގެ ޕްރޮގްރެސް ޕާޓީ ވަކިވާނެ ކަމަށް ނޯވޭގެ މާލީ ވަޒީރު ސީވް ޖެންސެން އިއުލާންކުރައްވައިފިއެވެ.

މިއާއެކު ބޮޑުވަޒީރު އާނާ ސޯލްބާގްއަށް މިވަނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައެވެ. މި ނިންމުމާއެކު ނޯވޭގެ ވެރިކަން ހިންގުން ސޯލްބާގްއަށް އިތުރު ތަކުލީފަކަށް ވެގެން ދިޔަ ކަމުގައި ވީ ނަމަވެސް، މައިނޯރިޓީ ކޯލިޝަނެއްގެ ގޮތުގައި ވެރިކަމުގައި ހުންނެވުމަށް ސޯލްބާގް ގަސްތުކުރައްވާފައިވާކަމަށް ޚަބަރު ލިބެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މާލީ ވަޒީރުކަމުން އިސްތިއުފާ ދެއްވި ޖެންސެން ވިދާޅުވީ އެ ޕާޓީ ސަރުކާރު ތެރެއަށް ގެނައީ އޭނާ ކަމަށާ، ސަރުކާރުން އެ ޕާޓީ ގެންދާނީވެސް އޭނާ ކަމަށެވެ.

ސަރުކާރުން އިސްތިއުފާ ދެއްވާ، އޭނާގެ ޕާޓީވެސް ސަރުކާރު ކޯލިޝަނުން ވަކިކުރެއްވުމަށް ޖެންސެން ނިންމެވީ، އައިސިސްއާއި ގުޅުމަށް ސޫރިޔާއަށް ދަތުރުކޮށްފައިވާ ނޯވޭގެ އަންހެނަކާ އޭނާގެ 2 ދަރިން އަނބުރާ ގައުމަށް ގެނައުމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޯވޭގެ ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ. އަންހެން މީހާއާއި އޭނާގެ 2 ދަރިން އަނބުރާ ގައުމަށް ގެންނަނީ 2 ދަރިންގެ ތެރެއިން 1 ކުއްޖަކަށް ސިއްހީ ފަރުވާ ބޭނުންވާތީ، އެ ހިދުމަތް ފުރިހަމަކޮށްދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރެސް ޕާޓީއިން ދެކޮޅު ނުހަދާ ކަމަށާ، މައްސަލައަކަށްވަނީ ހަނގުރާމަވެރިންނާ ގުޅި ނުވަތަ އެފަދަ ޓެރަރިސްޓުންނާ ކައިވެނިކޮށްގެން ތިބި ބޮޑެތި މީހުންނަށްވެސް އެހީތެރިވާތީ ކަމަށް ޚަބަރު ލިބެއެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތާ ގުޅުމަށް އަމިއްލަ ގައުމު ދޫކޮށް ސޫރިޔާއާއި އިރާގަށް ދަތުރުކުރި ހަނގުރާމަވެރިން މެދުއިރުމަތީގައި ހާލުގައި ޖެހިފައިވާއިރު އެކި ގައުމުތަކުން ދަނީ އެގައުމުތަކުން ހަނގުރާމަވެރިންނާ ގުޅުނު މީހުން އަނބުރާ އަމިއްލަ ވަޒަނަށް ގެންދިއުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް މިކަމާ ދެކޮޅަށް ގިނަ ގައުމުތަކަކުން އާންމުންވެސް ދަނީ އަޑު އުފުލަމުންނެވެ.