ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުންނަ ފަރާތްތަކުގެ މެދުގައި ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓް އާއްމު ކޮށްފިއެވެ.

އެމްޑީޕީން ބުނީ މިމަހުގެ 31 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމު ކޮށްފައިވާ ކަމަށާއި މިލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ ފުރަސަތެއް ހުޅުވާލާފައިވާ ކަމަށެވެ.

ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ މިމަހުގެ 22 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ކަމަށް ބުނެއެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އާއްމުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.