180 މީހުންނާއެކު އީރާނުގެ ވެރިރަށް ތެހްރާންގެ އިމާމު ޚުމައިނީ އެއާޕޯޓްއިން ފުރައިގެން ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭފްއަށް ދަތުރު ފެށިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އީރާނު އަސްކަރިއްޔާއިން މިސައިލް ހަމަލާތަކެއް ދީ، ވައްޓާލި ޔޫކްރައިންގެ ފްލައިޓް ޕީއެސް752ގެ ކަޅު ފޮށި ހުޅުވާނީ ކޮން ގައުމަކުން ކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.

ފްލައިޓް ޕީއެސް752ގެ ކަޅުފޮށި ހުޅުވާނެ ގައުމަކާމެދު ސުވާލު އުފެދިފައި މިވަނީ، މި ބޯޓުގެ ކަޅުފޮށި ހުޅުވާ، ތަހުގީގު ކުރިއަށް ގެންދާނީ ޔޫކްރައިންއިން ކަމަށް އީރާނުން ބުނެފައިވަނިކޮށް އެ ވާހަކައާއި ފުށޫ އަރާ ޚަބަރުތަކެއް ފެންމަތިވި ހިސާބުންނެވެ.

އީރާނުން މިހާރު ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު ފްލައިޓް ޕީއެސް752ގެ ކަޅުފޮށި ހުޅުވާނީ އެ ގައުމުގައެވެ.

ބޯޓުގެ ކަޅުފޮށި ހުޅުވާ، އޭގައިވާ މައުލޫމާތު އެއްކުރުމުގެ ގާބިލުކަން އީރާނަށް ލިބިފައި ނުވާކަމަށް އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގައި އެކްސިޑެންޓް އިންވެސްޓިގޭޝަންސް ގެ ޑައިރެކްޓާ އިންޗާޗުގެ މަގާމުގައި ހުންނެވި ހަސަން ރިޒާއީފާރު ވިދާޅުވި ނަމަވެސް، އޭގެ އެއް ދުވަސް ފަހުން އޭނާގެ ވާހަކަތައް ވަނީ ބަދަލުވެފައެވެ.

އީރާނުގެ އެހެން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ރިޒާއީފާރު ވިދާޅުވީ، ކަޅުފޮށި ހުޅުވައިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިޔަށްދާނީ އީރާނުގައި ކަމަށެވެ. ޔޫކްރައިންއަށް ކަޅުފޮށި ފޮނުވާނީ އީރާނަށް ނުވެއްޖެނަމަ އެކަނި ކަމަށާ، ޔޫކްރައިންއަށް ނުވެއްޖެނަމަ ދެން އެކަން ކުރާނީ ފަރަންސޭސިވިލާތުން ކަމަށާ، ނަމަވެސް މިކަމުގައި އަދި ގޮތެއް ނިންމާފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިކަމަށް ޚަބަރު ލިބެއެވެ.

ކޮންމެ ބޯޓެއްގެވެސް ކަޅުފޮއްޓަކީ އެ ފްލައިޓެއްގެ އެންމެ ފަހު ދަތުރުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައްކާކުރެވިފައި ހުންނަ ޑިވައިސްއެކެވެ. އެގޮތުން ބޯޓު ވެއްޓުނުއިރު އެ ބޯޓު ދަތުރުކުރަމުންދިޔަ އުސް މިނާ، ސްޕީޑާ، އެނޫންވެސް އެފަދަ މުހިންމު މައުލޫމާތުތަކެއް ކަޅުފޮށީގައި ރައްކާކުރެވިފައި ހުންނާނެއެވެ. ހާދިސާތަކުގައި އިންތިހާއަށް ހަލާކުވެފައި އޮންނަ ކަޅުފޮށިތައް ހުޅުވައިގެން، އެއިން މައުލޫމާތު އެއްކުރުމުގެ ފަންނީ ގާބިލުކަން ލިބިފައިވަނީ ނިސްބަތުން މަދު ގައުމުތަކަކަށެވެ.