ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީއާ ބެހޭގޮތުން ބަލަމުންދާ 7 މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލައެއް އެންމެ ފުރަތަމަ އެ ކޮމިޝަނަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހު 24 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން އޭނާގެ 7 މައްސަލަ އެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބަލަމުންދާ ހަސަން ދީދީގެ މައްސަލަތައް:

• މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ މައްސަލަ

• ހަސަންދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވި ކަމަށް ބުނެ ހުށެހުޅުނު މައްސަލަ

• އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• މާރާމާރި ހިންގުމަށް ހިތްވަރުދިން ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

• ހުތުރު އެއްޗެތި ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

ޖޭއެސްސީން ބުނީ މި މައްސަލަތުގައި ހަސަން ދީދީ ވަނީ ޖުލައި 18 ވަނަ ދުވަހާއި 23 ވަނަ ދުވަހު، އޭނާގެ މައްސަލަ ބަލާ ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާއާ ގުޅޭގޮތުން އޭނާގެ ބަސް ހޯދާފައި ކަމަށެވެ. އަދި އޭނާގެ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު، ހަސަން ދީދީ ވަޒީފާއަށް ނިކުތުމަކީ ތަހުގީގަސް ހުރަސް އެޅިދާނެ ކަމަށް ބުނެ، މައްސަލަ ތަހުގީގުކޮށް ނިމެންދެން އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

ޖޭއެސްސީން ހިންގި ތަހުގީގުގައި ހަސަން ދީދީގެ ޖިނާއީ މައްސަލަތަކެއް ފާހަގަ ކުރެވުމުގެ ސަބަބުން އޮކްޓޯބަރު 30 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ޖޭއެސްސީން ބުނީ ހަސަން ދީދީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައި ވަނީ، ފުލުހުން އޭނާގެ މައްސަލަ ބަލަން ފެށިކަން އެންގުމުން ކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ، ހަސަން ދީދީގެ މައްސަލާގައި މިހާރު އެ ކޮމިޝަނުން ކުރަމުންދަނީ ތަހުގީގު ރިޕޯޓުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށެވެ.