ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބިޔަ ވަގްފު އިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އިސްލާމީ ކަންކަމަށް މާލީ ތަނަވަސްކަން ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހުޅުމާލޭ އަމީން އެވެނިއު ކުރިމަތީގައި 13 ފަންގިފިލާއަށް ހަދާ މި އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްސީސީ ކުންފުންޏާއެވެ. ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ފައިނޭންސްކުރާ މި މަޝްރޫއަށް 244 މިލިއަން ރުފިޔާ ހަރަދުވާއިރު، މުޅި މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަގްފު އިމާރާތް ދާރުއްސަލާމް ގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްސީސީ ކުންފުންޏާ

ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މި ޓަވަރުގައި އޮފީސް ޖާގަތަކާއި، ކޮންފަރެންސް ހޯލް، ޑޭ ކެއާ ސެންޓަރު، ނަމާދުކުރާ ތަން އަދި ޕާކިން ސަރަހައްދެއް ހިމެނެއެވެ.

މި މަޝްރޫއުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އެ ފައިސާގެ 20 ޕަސެންޓް ޒަކާތު ހައުސްއަށް އަދި 80 ޕަސެންޓް އިސްލާމިކް ވަގްފު ފަންޑަށް ޖަމާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަގްފު އިމާރާތް ދާރުއްސަލާމް ގެ އަމަލީ މަސައްކަތް ކުރިއަށް ދަނީ

މި ބިނާގެ ބިންގާ ރައީސް ޑރ. މުއިއްޒު އަޅުއްވައިދެއްވީ 26 ނޮވެމްބަރު 2025 ގައެވެ.