މިދިއަ އަހަރު ދައުލަތުގެ އިދާރާތަކުގެ ތެރެއިން މަދަނީ މައްސަލަތަކުގައި އެންމެ ގިނަ ދައުވާ ރައްދުވެފައިވަނީ ފުލުހުންގެ މުއައްސަސާއަށް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ބުނެފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު އޭޖީ އޮފީހުގެ ދައުލަތުގެ އިދާރާތަކަށް ރައްދުވި ދައުވާތަކުގެ ތެރެއިން އެންމެ ގިނައިން އޭޖީ އޮފީހުގެ ވަކީލުން ކޯޓުގައި ވަކާލާތު ކުރަންޖެހުނީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައެވެ. އެގޮތުން ފުލުހުންނާ ދެކޮޅަށް، ދައުލަތަށް ރައްދުވާ ގޮތަށް 43 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ހައުސިން މިނިސްޓްރީއާ ދެކޮޅަށް ވެސް 26 މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ.

ހައުސިންގް މިނިސްޓްރީއާ ގުޅޭ 26 މައްސަލައެއް ހުށަހެޅިފައިވާއިރު، ޑިފެންސް މިނިސްޓްރީއާ ގުޅޭ 18 މައްސަލައެއް އަދި ޓުރިޒަމާ ގުޅޭ 15 މައްސަލަ ހުށަހެޅިފައި ވެއެވެ.

މިދިއަ އަހަރު ދައުލަތުން ދައުވާ ކުރި މައްސަލަތަކަށް ވުރެ ދައުވާ ރައްދުވި މައްސަލަތައް އިތުރެވެ. މިދިއަ އަހަރު ދައުލަތާ ދެކޮޅަށް 226 މައްސަލަ ކޯޓުގައި ކުރިއަށް ދިޔައެވެ. ނަމަވެސް ދައުލަތުން އިސްވެ ދައުވާ ކުރީ 158 މައްސަލާގައެވެ. 2018 ވަނަ އަހަރު ދައުލަތަށް ރައްދުވި މައްސަލަތަކަށް ވުރެ ދައުލަތުން އިސްވެ، ދައުވާ ކުރި މައްސަލަތައް ގިނައެވެ. އެގޮތުން އެ އަހަރު ދައުލަތުން އެކި މީހުންނަށާއި ކުންފުނިތަކަށް ދައުވާ ކުރި މައްސަލަތަކުގެ އދަދު 429 އަށް އަރައެވެ.

މިދިއަ އަހަރު ދައުލަތަށް ދައުވާ ރައްދުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ވަޒީފާއާ ގުޅޭ 60 މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ތަފާސްހިސާބުތައް ދައްކަ އެވެ.