ދެ އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅުން ހުރި އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރިއަށްދިޔަ އިހުތިޖާޖުން ހައްޔަރުކުރި ނުވަ މީހަކު އަދިވެސް ބަންދުން ދޫނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފްލެޓް 108 ކައިރީ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އަންހެނަކާއި 23 ފިރިހެނުންގެ އިތުރުން ތިން ކުޑަކުދިން ކަމަށެވެ.

ފުލުހުން ބުނީ އެމުއައްސަސާގެ ބެލުމުގެ ދަށަށް ގެނައި 27 މީހުންގެ ތެރެއިން މިހާރު ތިބީ ނުވަ މީހުން ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ހުޅުމާލޭ 108 ފްލެޓް ސަރަހައްދުގައި އިހުތިޖާޖު ކޮށްފައި ވަނީ، ދެ އަހަރުގެ ކުއްޖާގެ ބައްޕަ 108 ފްލެޓުގެ އެޕާޓުމަންޓެއްގައި ހުރުމުންނެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވެސް، އާންމުން އެ ސަރަހައްދު ދޫނުކޮށް ފުލުހުންނާ ކުރިމަތިލައިފައި ވެއެވެ.

އެ ސަރަހައްދަށް އެއްވި އާންމުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖަހާފައި ވެއެވެ.

ދެ އަހަރުގެ ކުއްޖާގެ މައްސަލައާ ގުޅިގެން އިއްޔެވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖުތައްސް ބާއްވާފައެވެ. އެގޮތުން އިއްޔެ ވަނީ އާޓިފިޝަލް ބީޗްގައި އިޖުތިޖާޖް ކޮށްފައެވެ. އަދި މިއަދުވެސް ވަނީ އެސަރަހައްދުގައި އިހުތިޖާޖް ކުރަން ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދުވެސް އިހުތިޖާޖު ކުރަން ވަނީ ނިންމާފައެވެ.