ބ. ގޮއިދޫގައި ކުޑަ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މުދިމެއްގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފިއެވެ.

ގޮއިދޫގައި ކުޑަ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި އެ މުދިމަކީ ބ. ގޮއިދޫ، ބްލޫރޯޒްގެ، އަލީ ރަޝީދު އެވެ. އަލީ ރަޝީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ 2006 ވަނަ އަހަރު ފެންމަތި މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ފެށިތާ 10 އަހަރު ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ މައްސަލައިގެ ހުކުމް ވަނީ އިއްވާފައެވެ. މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގައި ކުޑަކުއްޖަކާ ބެހޭ ޒާތީ މައުލޫމާތު ހިމެނޭތީ ހައިކޯޓުގައި އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. މިއަދު އެ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުގައި ބޭއްވި އަޑުއެހުންތައް ވަނީ ނިންމާލައިފައެވެ. ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުމެވެ.

އޭނާއަކީ ރަށު މިސްކިތުގައާއި އަމިއްލަ ގޭގައި ގުރުއާން ކްލާސް ހިންގި މީހެކެވެ. އަލީ ރަޝީދަކީ ގުރުއާން ޓީޗަރުކަން ކުރި އިރު ގިނަ އަދަދެއްގެ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.