އއ.މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިން އަށް ދިޔަ ޖަރުމަންވިލާތުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، އއ. މާޅޮސް ކައިރީގައި އޮތް ސަފާރީއަކުން ޑައިވިން އަށް ދިޔަ ޖަރުމަނުވިލާތުގެ އަންހެނެއް މަރުވެފައި ވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ. މަރުވެފައި ވާ އަންހެން މީހާއަކީ އުމުރުން 71 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހާ އއ. މާޅޮސް ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ފަތުރުވެރިން މޫދަށް އެރިގެން އުޅެނިކޮށް ދިމާވާ މިފަދަ ހާދިސާތައް މަދެއް ނޫނެވެ.