އެމެރިކާ އަސްކަރިއްޔާއަށް އެންމެފަހުން ތައާރަފުކުރި ގޮފި ކަމަށްވާ 'އެމެރިކާ އަސްކަރިއްޔާގެ ޖައްވީ ބާރު'ގެ ރަސްމީ ޔުނީފޯމު އާންމުކޮށް ދައްކާލުމާއެކު އަމަޒުވަމުންދާ ފާޑުކިއުންތަކަށް، އެ ގޮފިން ރައްދުދީ، ދިފާއު ހޯދައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިދިޔަ ޑިސެމްބަރު މަހު ތައާރަފުކޮށްދެއްވި އެމެރިކާގެ ޖައްވީ ބާރުގެ ޔުނީފޯމު އާންމުކޮށް ދައްކާލީ، އެގޮފީގެ ރަސްމީ ޓްވިޓް އެކައުންޓް މެދުވެރިކޮށެވެ. މިއާއެކު ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަން ފެށިއެވެ.

އެމެރިކާ އަސްކަރިއްޔާގެ ޖައްވީ ބާރުން އާންމުކުރި ޔުނިފޯމަކީ އެމެރިކާ އަސްކަރިއްޔާއިން މިހާރުވެސް ބޭނުންކުރަމުންދާ ޒާތުގެ ޖަންގަލި-ކެމޯފްލާޖު ފަރުމާއަށް ތައްޔާރުކޮށް، ބެޖު ޖަހާފައިވާ ޔުނީފޯމެކެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ ބައެއް ފަރާތްތަކުން ވަނީ، ޖައްވު ތެރޭގައި ކެމޯ-ޔުނީފޯމެއް ބޭނުން ކުރުމުގެ މަގުސަދެއް އެބައޮތް ތޯއާއި، އެމެރިކާގެ ޖައްވީ އަސްކަރިއްޔާއަށް ދުވަހަކުވެސް ޖައްވުތެރެ ފެނިފައިވޭތޯ ސުވާލު އުފައްދާފައެވެ.

ޖައްވީ އަސްކަރިއްޔާގެ ޔުނީފޯމަށް ހަޖޫޖަހަމުންދާ ބައެއް ފަރާތްތަކުން ވަނީ އެއްފަރާތަށް ޖައްވުގެ ފޮޓޯއެއް އަދި އަނެއް ފަރާތަށް އެމެރިކާ އަސްކަރިއްޔާގެ ކެމޯ-ޔުނީފޯމުގެ ފޮޓޯއެއް ލައިގެން، ދެ ކަމުގައި ހުރި ފަރަގު ވިސްނެންދެން އެއަށް ބަލަން ގޮވާލާފައެވެ. އަނެއް ބަޔަކު ވަނީ އަސްކަރިއްޔާގެ ޔުނީފޯމު އިތުރަށް ފުރިހަމަވެގެންދާނެ ގޮތްތައް ވެސް ކިޔައިދީފައެވެ.

މިހުރިހާ ކަމަކަށް ރައްދު ދެމުން އެމެރިކާ އަސްކަރިއްޔާގެ ޖައްވީ ގޮފިން ބުނީ، މިހާރު ކަނޑައަޅާފައިވާ ޔުނީފޯމު އެގޮތަށް ފަރުމާކޮށްފައިވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ. އާ ޔުނީފޯމެއް ފަރުމާކޮށް އެކަމަށް ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި މިހާރުވެސް ބޭނުންކުރަމުންދާ ކެމޯ-ޔުނީފޯމުގެ ފަރުމާ ބޭނުންކުރަން ނިންމީ އެހެންވެކަމަށް އެ ގޮފިން ކުރި ޓްވީޓްއެއްގައި ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގެ އަސްކަރިއްޔާއަށް ޖައްވީ ގޮތްޕެއް އިތުރުކޮށްފައިވަނީ ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ވަރުގަދަ ހަނގުރާމަތައް ކުރެވިގެންދާނީ ޖައްވު ތެރޭގައި ކަމަށް ޓްރަމްޕް ވިދާޅުވުމަށްފަހު ގައެވެ.